ޚަބަރު

ވިއްސާރައިގައި ޕީއެސްއެމްގެ އިމާރާތަށާއި ތަކެއްޗަށް ގެއްލުންވެ ޗެނަލްތަކަށް ބުރޫއަރައިފި


  • ނިއުސްރޫމްއިން ކަރަންޓު ކެނޑުމުގެ އެކި ހާދިސާ ހިނގި

  • ކުޑަވަގުތުކޮޅަކަށް ޗެނަލްތައް ހުއްޓުމަކަށް އައި

  • ޔޫޕީއެސްއަށް ކަރަންޓުދިނުމުގައި ސްޓެލްކޯއިން އެހީތެރެވި

އިއްޔެ އިރާކޮޅުން ފެށިގެން މާލެއަށް ހުއްޓާނުލާ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޕީއެސްއެމްގެ ޓީވީ ބިލްޑިންގާއި ރޭޑިއޯ ބިލްޑިންގެ ޢިމާރާތަށް ފެންވަދެ ބައެއް ތަކެއްޗަށް ގެއްލުންވެއްޖެއެވެ.

މާލެއަށް ބޯކޮށް ވާރޭވެހި އަމީނީމަގުގައި ފެންބޮޑުވުމާއި ގުޅިގެން ޓީވީ ބިލްޑިންގެ ބޮޑު ސްޓޫޑިއޯގެ ޑަކްޓުތަކަށް ވަނީ ފެންވަދެފައެވެ. މީގެއިތުރުން ޕީއެސްއެމްގެ ބެކަޕް ސިސްޓަމް ހުރި ރޫމްގެ ސީލިންގުން ފެންފައިބާ މާސްޓަރ ކޮންޓްރޯލް ރޫމްގެ ސިސްޓަމްތަކަށްވެސް ވަނީ ފެންފައިބާފައެވެ. އަދި ނިއުސްރޫމްގެ ބައެއް ސަރަޙައްދުތަކަށްވެސް ވަނީ ފެންފައިބާފައެވެ. މީގެ އިތުރުން ރޭޑިއޯ ބިލްޑިންގައި ހުންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ސީލިންގުން ބައެއްވެސް ވަނީ ވެއްޓިފައެވެ.

ވިއްސާރައިގައި ޕީއެސްއެމަށް ގެއްލުންތަކެއް ލިބުނުނަމަވެސް ޕީއެސްއެމް ނިއުސްއިން ގެންދިޔައީ ވިއްސާރައާ ގުޅޭ ޚަބަރާ މަޢުލޫމާތުތައް ރައްޔިތުންނާ ހަމައަށް ވަގުތުން ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް ރައްޔިތުންނަށް މަޢުލޫމާތު ގެނެސްދިނުމަށް ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖްވަނީ ޕީއެސްއެމްގެ ޓީވީ ބިލްޑިންގއިން ކަރަންޓު ދިއުމުގެ ސަބަބުން ކަވަރޭޖްވެސްވަނީ މެދުކެނޑިފައެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތައް މެދުވެރިކޮށް ޚަބަރާއި މަޢުލޫމާތުތައް ދިޔައީ ގެނެސްދެމުންނެވެ.

ޕީއެސްއެމްގެ ޑިރެކްޓަރ ބްރޯޑްކާސްޓް ޓެކްނޮލޮޖީ ހުސައިން ޝުހާދު ވިދާޅުވީ ވިއްސާރައިގެ ސަބަބުން 4 ގަޑިއިރަށް މެއިން ޔޫޕީއެސްގެ ކަރަންޓު ކެނޑުނުކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ޔޫޕީއެސްއަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ސްޓެލްކޯގެ އެހީތެރިކަން ހޯދާފައިވާކަން ޝުހާދު ފާހަގަކުރެއްވިއެވެ.

"ކަރަންޓު ދިއުމުގެ ސަބަބުން ޕީއެސްއެމްގެ ޗެނަލްތައް ކުޑަވަގުތުކޮޅަކަށް ހުއްޓުނު. ނަމަވެސް 10 ވަރަކަށް މިނެޓް ތެރޭ ކަރަންޓު ފޯރުކޮށްދިން. އަދި މިހާރު ޕީއެސްއެމްއިން ހިންގަމުންދާ ހުރިހާ ޗެނެލްތަކެއް ފެންނަމުން ދާނެ." ޕީއެސްއެމްގެ ޑިރެކްޓަރ ބްރޮޑްކާސްޓް ޓެކްނޮލޮޖީ ހުސައިން ޝުހާދު ވިދާޅުވިއެވެ.

ވިއްސާރައިގައި ޓީވީ ބިލްޑިންގެ ގޯތިތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ދިވެހި ސިފައިންގެ ޚިދުމަތުން ވަނީ އިމާރާތުގެ އެތެރެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ޖަހާފައެވެ.

ޕީއެސްއެމްއަށް ލިބުނު ގެއްލުންތައް ހިއްސާކުރައްވަމުން ޕީއެސްއެމްގެ ޑިރެކްޓަރ ޕްރޮޖެކްޓްސް އިބްރާހީމް ރަމީޒް ވިދާޅުވީ އެންމެ ބޮޑެތި ގެއްލުންވީ ޓީވީ ބިލްޑިންއަށް ކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ވަރަށްގިނަ ހާދިސާ ހިނގާފައިވާކަމަށާއި ނިއުސްރޫމުންވެސް 3 ފަހަރަށް ކަރަންޓު ކެނޑިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑަކްޓުތަކުގެ ފެންތައް ޕަންޕް ޖަހައިގެން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުން ގޯތިތެރޭގައިވެސް ފެންބޮޑުވެ. މުޅިން ހަމައަކަށް އަދިވެސް ނޭޅެ." ޕީއެސްއެމްގެ ޑިރެކްޓަރ ޕްރޮޖެކްޓްސް އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޢިމާރާތްތަކަކީ ދުވަސްވެފައިވާ ޢިމާރާތްތަކަކަށްވާއިރު މިވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި އިމާރާތްތަކުގެ މަރާމާތަށްވެސް އަދި ބޭނުންކުރާ ތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެސްފައި ނުވާތީ ވިއްސާރައިގައި އިމާރާތަށާއި ތަކެއްޗަށް މިލިބުނު ގެއްލުމުން އަރައިގަތުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެންދާނެކަން މެނޭޖްމަންޓުން ފާހަގަކުރައްވައެވެ.