ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސިންގ ރަނގަޅުކޮށް، މަގުމަތިން ފުލުހުންގެ ޚިދުމަތް ދޭތަން ވަރަށް ގާތުން ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިހެން ވިދާޅުވީ އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްވެރިންނާ ބައްދަލުކުރައްވައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ގާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސް ރަނގަޅު ކުރައްވާނެ ކަމަށެވެ. އެގޮތުން ރައްޔިތުންނާ ގާތުން ޚިދުމަތްކުރާ ފުލުހުން ރާއްޖޭގެ އެކި ހިސާބުތަކުން ފެނިގެންދާނެ ކަމަށާއި ފައިމަގުގައި ޕެޓްރޯލުކުރާ ފުލުހުން އިތުރުވެގެން ދާނެ ކަމަށެވެ.
"އޭގެ ނަތީޖާ އަކަށް ވެގެންދާނީ މުޖްތަމައުގައި ކުށް ކުރާ މިންވަރު މަދުވެ، ރައްޔިތުންނަށް އަމާންކަން އިހުސާސު ކުރެވޭނެ" ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ، ބޭސިކް ޕޮލިސިންގ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުން ލިބިގަނެވޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ތަހުގީގު ކުރެވި އެމައްސަލަތަކުގައި ގެއްލުން ލިބޭ ފަރާތަށް އިންސާފު ލިބުން އަވަސްވެގެން ދިޔުންކަމަށެވެ.