ޚަބަރު

ވިއްސާރަވެ ޕީއެސްއެމް 2 ޢިމާރާތަށް ގެއްލުންވެއްޖެ


  • މާލެއަށް ދަނީ އިއްޔެއިން ފެށިގެން ބޯކޮށްވާރޭވެހެމުން

  • ޕީއެސްއެމްގެ ރޭޑިއޯ އަދި ޓީވީ ބިލްޑިންގަށްވަނީ ގެއްލުންވެފައި

  • މަރަމާތުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން

މިހާރު ކުރަމުންދާ ވިއްސާރައިގައި ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ޓީވީ އަދި ރޭޑިއޯ ބިލްޑިންގަށް ގެއްލުންވެއްޖެއެވެ.

އިއްޔެ އިރާކޮޅުން ފެށިގެން މާލެއަށް ހުއްޓާނުލާ ވެހެމުންދާ ވާރެއާއެކު މާލޭގެ ބޮޑު ސަރަޙައްދެއްގައިވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން ޕީއެސްއެމްގެ ޓީވީ ބިލްޑިންގާއި ރޭޑިއޯ ބިލްޑިންގަށް ބޮޑެތި ގެއްލުންތައްވަނީ ލިބިފައެވެ. އެގޮތުން ޢިމާރާތަށް ފެންވަދެ ބައެއް ތަކެއްޗަށްވަނީ ގެއްލުންވެފައެވެ.

ޕީއެސްއެމްގެ ޑިރެކްޓަރ ޕްރޮޖެކްޓްސް އިބްރާހީމް ރަމީޒް ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިގްގައި ހުންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ސީލިންގުން ބައެއް ވެއްޓިފައިވާކަމަށެވެ.

އަދި އަމީނީމަގުގައި ފެންބޮޑުވުމާއި ގުޅިގެން ޓީވީ ބިލްޑިންގެ ބޮޑު ސްޓޫޑިއޯގެ ޑަކްޓުތަކަށް ފެންވަދެފައިވާ ކަމަށެވެ. މީގެއިތުރުން ޕީއެސްއެމްގެ ބެކަޕް ސިސްޓަމް ހުރި ރޫމްގެ ސީލިންގުން ފެންފައިބާފައިވާ ކަމަށާއި، މާސްޓަރ ކޮންޓްރޯލް ރޫމްގެ ސިސްޓަމްތަކަށްވެސް ފެންފައިބާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ނިއުސްރޫމްގެ ބައެއް ސަރަޙައްދުތަކަށްވެސް ވަނީ ފެންފައިބާފައެވެ.

އަދި މިވިއްސާރައިގައި އިމާރާތަށާއި ތަކެއްޗަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ ކަމަށް ރަމީޒް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޢިމާރާތްތަކަކީ ދުވަސްވެފައިވާ ޢިމާރާތްތަކަކަށްވާއިރު މިވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި އިމާރާތްތަކުގެ މަރާމާތަށްވެސް އަދި ބޭނުންކުރާ ތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނެސްފައި ނުވާތީ ވިއްސާރައިގައި އިމާރާތަށާއި ތަކެއްޗަށް މިލިބުނު ގެއްލުމުން އަރައިގަތުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެގެންދާނެކަން މެނޭޖްމަންޓުން ފާހަގަކުރައްވައެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ފެން ހިއްކުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ސަލާމަތީ ބާރުތަކުން އަންނަނީ ކުރައްވަމުންނެވެ.