ޚަބަރު

"ދިވެހި ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ބޭރުގެ 2 ޤައުމަކާ މަޝްވަރާކުރަނީ"


  • އެމްބީބީއެސް ނިންމާފަ ގިނަ ޑޮކްޓަރުން ސްޕެޝަލައިޒް ނުވެވި އެބަތިބި

  • 2 ޤައުމަކާއެކު މިހާރު ދަނީ މަޝްވަރާކުރަމުން

  • ނަރުހުންނަށްވެސް ތަމްރީން ހޯދުމަށް ޤައުމުތަކާއެކު މަޝްވަރާ އެބަކުރެވޭ

އެކި ދާއިރާތަކުން ދިވެހި ޑޮކްޓަރުން ސްޕެޝަލައިޒްކުރުމަށްޓަކައި ބޭރުގެ 2 ޤައުމަކާއެކު މަޝްވަރާކުރައްވަމުން އަންނަކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ލިބިވަޑައިގެންނެވި އެންމެ ބޮޑު ޝަކުވާއަކީވެސް މިއީ ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޞިއްޙަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުން އެމްބީބީއެސް ކިޔެވުމަށްފަހު ސްޕެޝަލައިޒް ނުވެވިފައި އެބަތިބިކަމަށެވެ.

މީގެކުރިން ޕީޕީއެމްގެ ސަރުކާރުން 68 ޑޮކްޓަރަކު ސްޕެޝަލައިޒް ވުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިދިޔަ 5 އަހަރުގެ ތެރޭގައި ސްޕެޝަލައިޒް ވުމަށް ފޮނުވާފައިވަނީ އެންމެ 5 ޑޮކްޓަރުންނެވެ. އެހެންކަމުން ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން އެމްބީބީއެސް ނިންމުމަށްފަހު ސްޕެޝަލައިޒް ނުވެވި ތިބިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ޑޮކްޓަރުންނަށް އެކަން ކުރެވޭނެ މަގު މި ސަރުކާރުން ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

"މި ޑޮކްޓަރުންނަށް ކޮންމެވެސް ގޮތްތަކެއް އެބަ ހޯދާދޭންޖެހޭ ދައުލަތުން އިސްނަގައިގެންވެސް. އަޅުގަނޑުމެން މިހާރު ވާނީ ފޮރިން މިނިސްޓްރީއާއި ވާހަކަދައްކައިގެން ބޭރުގެ 2 ޤައުމަކަށް ކޮމިއުނިކޭޝަން ފޮނުވާފައި. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުތެރޭގައި މިނިސްޓްރީ އޮފް ހެލްތުގެ ޓީމެއް އެ 2 ޤައުމަށް ދަތުރުކުރާނެ އެ 2 ޤައުމުގައި ހުރި ފުރުސަތުތައް ދެނެގަތުމަށްޓަކާ. ޑޮކްޓަރުން ސްޕެޝަލައިޒްވުމަށްޓަކާ އެ މަސައްކަތް މިހާރުވެސް އެވަނީ ފެށިގެން ގޮއްސަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް." ޞިއްޙަތާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއިން ގްރެޖުއޭޓްވާ ނަރުހުން ގްރެޖުއޭޓްވުމަށްފަހު އަމަލީ މައިދާނަށް ނުކުތުމުގެ ކުރިން ހަދަންޖެހޭ އިންޓަރންޝިޕް ރާއްޖޭގައި ހަދާއިރު ބައެއްފަހަރު ވަގުތު އިތުރަށްދާ ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން މިކަންވެސް ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރެވޭނީ ކޮން ގޮތަކަށްތޯ ބައްލަވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނަރުހުންނަށްވެސް ޚާއްސަ ކުރު ތަމްރީންތައް ހޯދާދިނުމަށްޓަކާ ބޭރުގެ ބައެއް ސަފީރުންނާއި މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މުޅިން އައު ޚިދުމަތްތަކެއް މިސަރުކާރުން ފަށަން ނިންމާފައި އޮތްއިރު އެޚިދުމަތްތަކަށްވެސް ނަރުހުން ތަމްރީން ކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެތެރެއިން އެއްކަމަކީ އުމުރުން ދުވަސްވީ މީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމަށްޓަކައި މީހުން ތަމްރީން ކުރުމަށް ހުރި ފުރުސަތުތައް ބެލުންކަމަށް ވަޒީރު ވިދާޅުވިއެވެ. ޞިއްޙަތާ ބެހޭ ވުޒާރާގެ ޓީމަކުން މިކަން ދިރާސާކުރަމުންދާ ކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން އެ ދާއިރާއިން މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރުމަށް މަޝްވަރާކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.