ޚަބަރު

ސާފުކުރުމުގެ ޙަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުން މުހިންމު: ނައިބް ރައީސް


  • "މަދިރިން ރައްކާ" ކެމްޕެއިން މުޅި ރާއްޖޭގައި ކުރިއަށްދާނެ

  • މި ކެމްޕެއިން ފަށްޓަވައިދެއްވީ ނައިބް ރައީސް

  • ނައިބް ރައީސް ވަނީ ސާފުކުރުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެފައި

މަދިރި ކޮންޓުރޯލް ކުރުމަށްޓަކައި ކުރިއަށް ގެންދާ ސާފުކުރުމުގެ ޙަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް އިލްތިމާސް ކުރެއްވީ މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި މުޅި ރާއްޖޭގައި ފެށި "މަދިރިން ރައްކާ" ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައެވެ. މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިގައި ބޭއްވި ރަސްމިއްޔާތަށްފަހު ނައިބް ރައީސް ވަނީ އެ ކެމްޕެއިން ފެށުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައި ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ.

"މަދިރިން ރައްކާ" ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބް ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވަނީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައެއް ބަލިތައް ރާއްޖެއިން ނައްތާލެވިފައި ވީނަމަވެސް ފައިލޭރިއާ ފަދަ ބަލިތަކުގެ ކޭސްތަކެއް އަލުން ފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކާއި އާންމު މަދަނީ ޖަމްޢިއްޔާތަކާއި ރައްޔިތުން ގުޅިގެން މިފަދަ ކެމްޕެއިނެއް ފެށްޓުމަކީ ރައްޔިތުންނަށް ހިތްހަމަޖެހޭނެ ކަމެއްކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ނައިބްރައީސް ވިދާޅުވިއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ސާފުތާހިރުކަމަކީ މުހިންމު ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މަދިރި ކޮންޓްރޯލް ކުރުމަށް މިފެށި ކެމްޕެއިނަށް ރައްޔިތުން އެއްބާރުލުން ދީ ކޮންމެ ދުވަހަކު މި މަސައްކަތް ކުރިއަށް ގެންދިޔުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. އަދި ސާފުކުރުމުގެ ޙަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

"ފަރުދީ ގޮތުންވެސް ޖަމާޢަތުގެ ގޮތުންވެސް އަދި ރައްޔިތުންނަށް ޚިދުމަތްދޭ ތަނެއްގެ ވިޔަސް އެފަދަ ފަރާތެއްގެ ކުޑަވެސް އިހުމާލަކުން ވަރަށް ބޮޑެތި ކަންކަމާ ކުރިމަތިލާން އެބަޖެހޭ. މިއަދު މިޙާލަތުން އަރައިގަތުމަށްޓަކައި މުޖުތަމަޢުގެ ފަރުދުންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ދެއްކުން މުހިންމު. ތާރީޚުގައި އަޅުގަނޑުމެން ވަނީ އެކަން އެގޮތަށް ދައްކައިދީފައި. އިޖުތިމާޢީ މިންގަނޑަށް ފެތޭނެ ގޮތަށް ތަންތަން ބެހެއްޓުން މުހިންމު. މަދިރި އާލާ ނުވާގޮތަށް ތަންތަން ބެހެއްޓުމަށް ސަމާލުކަން ދެއްވާ." ނައިބް ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސިއްޙަތާބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ރާއްޖެއިން ފެންނަ ބޭނުންނުވާ، އެ ނައްތާލާފައި އޮތްގޮތަށް ދެމި އޮންނަށް ބޭނުންވާ ބަލިތަކެއްކަމަށެވެ. އެފަދަ ބަލިތައް ނައްތާލުމުން ބައިނަލް އަޤްވާމީ އިދާރާތަކުން ރާއްޖެއަށް ޚާއްސަ ނަޒަރަކުން ބަލާކަމަށާ އެއީ އެފަދަ ބަލިތައް ނައްތާލުމަށްޓަކައި ސިއްހީ ނިޒާމުގެ ތެރެއިންނާއި ފަރުދުންގެ ފަރާތުން ކުރާ މަސައްކަތްތަކުގެ ނަތީޖާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވަޒީރު ވަނީ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް މަދިިރ ނައްތާލެވޭނެ ހުރިހާ މަސައްކަތްތަކެއް ފަރުދީ ހައިސިއްޔަތުންވެސް ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.

"މަދިރީގެ ޒަރިއްޔާއިން ބައެއް ނުރައްކާތެރި ބަލިތައް ފެތުރޭ. އޭގެ ތެރޭގައިއި ޒިކާ، ޗިކަންގުންޔާ، ޑެންގޫ ހިމެނޭ. މަދިރި ނައްތާލުމުގެ މުހިންމުކަން މިކަމުންވެސް ދޭހަވޭ. މަދިރީގެ އިތުރުން ސޫފާސޫފި މަދުކުރުމަށް މަސައްކަތް ކުރަންޖެހޭ. އެއީ ވަށައިގެންވާ ވެއްޓާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް. އާންމު ދުޅަހެޔޮކަން ރައްކާތެރިކުރުމަށްޓަކައި ކުރެވެންހުރި ހުރިހައި މަސައްކަތްތަކެއް ކުރުން އެއީ ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭނެކަމެއް." ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

"މަދިރިން ރައްކާ" މި ޕްރޮގްރާމުގައި ސަރުކާރުގެ ވަރަށް ގިނަ ވުޒާރާތަކާއި ކުންފުނިތަކުން ބައިވެރިވެއެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެތެރޭގައި ޑެންގީ، ޗިކުންގުންޔާ، ޒިކާ ފަދަ ނުރައްކާތެރި ބަލިތައް ހިމެނެއެވެ. އަދި ރާއްޖެެއިން ނައްތާލެވިފައިވާ މަލޭރިއާ އަދި ފައިލޭރިއާ ވެސް ފެތުރެނީ މަދިރީގެ ޒަރިއްޔާއިނެވެ.