ޚަބަރު

މޫސުން ތަން ނުދިނުމުގެ ސަބަބުން އައު އަހަރުގެ ފެސްޓިވަލް ފަސްކޮށްފި


  • މިފެސްޓިވަލް ބާއްވާނެ ތާރީޚެއް ފަހުން ޢިއުލާންކުރާނެ

  • ފެސްޓިވަލް ފަސްކުރީ ރާއްޖޭގެ މޫސުން ގޯސްވުމާއެކު މެޓުން އެލަރޓުތައް ނެރުމާއި ގުޅިގެން

އައު އަހަރާއި ގުޅިގެން ބޭއްވުމަށް ނިންމާފައިވާ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކޮށްފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތައި ފަންނުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އައު އަހަރާއި ދިމާކޮށް މިމަހުގެ 31 ވަނަ ދުވަހުގެ ރޭ، ހުޅުމަލޭ ސެންޓްރަލް ޕާކުގައި މި ފެސްޓިވަލް ބާއްވާނެކަން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތައި ފަންނުވެރިކަމާއި ބެހޭ ވުޒާރާއިން ކުރިންވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މި ފެސްޓިވަލް ފަސްކުރެވިފައިވާކަމަށް އެވުޒާރާއިންވަނީ ވިދާޅުވެފައެވެ.

އެވުޒާރާއިން މިކަން ހާމަކޮށް ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވީ މި ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްކަމަށާއި ދަތުރުކުރުން ރައްކާތެރި ނޫންކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާކަމަށެވެ. އެހެންކަމުން މި ފެސްޓިވަލް ފަހުގެ ތާރީޚަކަށް ފަސްކުރައްވާކަމަށެވެ. އަދި މޫސުން ރަނގަޅުވުމުން ފެސްޓިވަލް ބާއްވާނެ ތާރީޚެއް ފަހުން ޢިއުލާންކުރާނެކަމަށްވެސް މި ނޫސްބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އެވުޒާރާއިން ކުރިން ވިދާޅުވީ މިފެސްޓިވަލްގައި ޒުވާނުންނަށް ހުނަރު ދައްކާލުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. މީގެއިތުރުން ކުޑަކުދިންގެ ޚާއްސަ ޢާއިލީ ހަވީރަކާއި ލޭޒަރ ޝޯއާއި ހަވާއެރުވުން މިފެސްޓިވަލް އޮންނަ ރޭ ބާއްވާ ފަންނާނުންގެ ޝޯ ތެރޭގައި އޮންނާނެކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.