ޚަބަރު

ބިޒީކޮށް އުޅުއްވަމުންވެސް ރައީސް އާއިލީ ގުޅުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ: ސާޖިދާ


  • ކުދިންގެ ކަންކަމުގައިވެސް އެއްބާރުލުން ދެއްވާ

  • ހުކުރު ދުވަހަކީ އާއިލާއަށް ޚާއްސަ ދުވަހެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ ބިޒީކޮށް އުޅުއްވަމުންވެސް އާއިލީ ގުޅުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ބޭފުޅެއް ކަމަށް އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހު ގެނެސްދިން ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމުގައި ރައީސްގެ ދެކަނބަލުން ވަނީ އާއިލާއާ ގުޅުންހުރި ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ މިހާރު ބިޒީކޮށް އުޅުއްވަން ޖެހިވަޑައިގަންނަވާތީ އާއިލާއަށް ދެއްވަން ބޭނުންފުޅުވާ ވަރަށް ވަގުތު ނުދެއްވޭ ކަމަށާއި ނަމަވެސް އާއިލާއަށް ވަގުތު ދެއްވުމަކީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅާ ގުޅޭގޮތުން އަނބިކަނބަލުން ސާޖިދާ ވިދާޅުވީ ރައީސް ޑރ.މުއިއްޒުއަކީ އާއިލީ ކަންކަމާއި އެހެނިހެން ޒިންމާތައްވެސް ވަރަށް ތެދުވެރިކަމާއެކު ކުރައްވާ ބޭފުޅެއްކަމަށެވެ.

ސާޖިދާ ވިދާޅުވީ ރައީސް ޑރ.މުއިއްޒު އަބަދުވެސް ގޭތެރޭގެ ކަންކަމުގައި އެހީތެރިވެވަޑައިގަންނަވާ ކަމަށެވެ. ރައީސް އެހީތެރިވެވަޑައިގަންވާކަން ހާމަކުރައްވަމުން ސާޖިދާވަނީ ފުރަތަމަ ދަރިކަނބަލުން ލިބިވަޑައިގެންނެވިއިރުގެ ވާހަކަތައް ހިއްސާކުރައްވާފައެވެ.

"ކައިވެނިކޮށްގެން ފުރަތަމަ ދަރިފުޅު ލިބުނުއިރުވެސް އަޅުގަނޑުމެން ދެމީހުންނަކީ އެކަނި އުޅޭ ދެމީހުން. މުއިއްޒުގެ ބައްޕާފުޅުގެ އަރިހުގައި އޭރު އުޅުނީ. އަޅުގަނޑު ވިހައިގެން، ފުރަތަމަ ސިޒޭރިއަނަކަށް ދިޔައީ. އެހެންނަމަވެސް މީހަކު ނުގެންގުޅުނު ކަމުގައިވިޔަސް ދަރިފުޅުގެ ހުރިހާކަމެއްގައި ބައިވެރިވެދެއްވާނެ." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ވަގުތުވެވަޑައިގެންނެވި ވަރަކުން އަބަދުވެސް އާއިލާއާއެކު ވަގުތު ހޭދަކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ފާއިތުވި 20 އަހަރު ތެރޭގައި ކޮންމެ ހުކުރު ދުވަހަކީ އާއިލާ އެއްކޮށް ހޭދަކުރައްވާ ދުވަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކުގައި ވަގުތު ހޯއްދެވުމަށް ބޭރު ޤައުމުތަކަށް ޗުއްޓީ ދަތުރުތައް ޕްލޭންކުރައްވަނީވެސް އެގޮތަށް ބައްލަވައިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ހުސްވަގުތެއް، ބަންދު ދުވަހެއް ލިބެންޏާ ވީވަރަކުން ބަލަން (އާއިލާއާއެކު ވަގުތު ހޭދަކުރަން). ދެން ރާއްޖޭން ބޭރަށް ވެސް ޗުއްޓީ ޕްލޭންކޮށްގެން ބަލަން ވީހާވެސް އެކީގައި ވަގުތު ހޭދަކުރެވޭނެ ގޮތަށް ކަންތައްތައް ރޭވޭގޮތަށް. ވަގުތު ދޭން ބޭނުން. އެކަމަކު އެންމެ ބޭނުންވާ ވަރަކަށް ނުދެވޭ." ރައީސް ވިދާޅުވިއެވެ.

ސާޖިދާ ރައީސް ސިފަކުރެއްވީ މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ. އަދި ކޮންމެ ކަމެއް ވެސް އެމަނިކުފާނު ކުރައްވާނީ އެކަމަކަށް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގެންކަން ސާޖިދާ ފާހަގަކުރެއްވިއެވެ.