ދުނިޔެ

40 އަހަރު ތެރޭގައި 422 މިލިއަން މީހުން ހަކުރުބަލީގެ ޝިކާރައަކަށް


ހަކުރު ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންގެ ޢަދަދު ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި 422 މިލިއަނަށް އަރާފައިވާކަމަށް ދުނިޔޭގެ ސިއްޙަތާއި ބެހޭ ޖަމްޢިއްޔާއިން ނެރުނު ރިޕޯޓަކުން ދައްކައިފިއެވެ.

މިއީ ހަކުރު ބަލި ފެތުރޭ ގޮތް، އަދި ހަކުރު ބަލީގެ ނުރައްކާ ދެނެގަތުމަށް މިހާތަނަށް ހެދިފައިވާ އެންމެ ބޮޑު އެއް ދިރާސާގެ މައްޗަށް ޑަބްލިއު.އެޗް.އޯއިން އެކުލަވާލާފައިވާ ރިޕޯޓެކެވެ. މިރިޕޯޓުން ދައްކާގޮތުން ހަކުރު ބައްޔަކީ ފަގީރު ޤައުމުތަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.

މިދިރާސާގެ މަޢުލޫމާތުތައް އެއްކުރުމުގައި ޙަރަކާތްތެރިވި ފަރާތްތަކުން ބުނާގޮތުގައި ދުނިޔޭގެ ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާ މިންވަރާއި، އޮބެސިޓީ، ނުވަތަ ސިއްޙަތައް ނުރައްކާވާ ވަރަށް ފަލަވާ މީހުން އިތުރުވަމުންދާ ދާދިއުމުގެ ސަބަބުން، ހަކުރު ބަލި މިވަނީ ދުނިޔޭގެ ޢާންމު ސިއްޙަތުގެ ޙަލަތައް އޮތް އެންމެ ބޮޑު އެއް ނުރައްކަތައް ބަދަލްވާންފަށާފައެވެ. ޑަބް.ލިއު.އެޗް.އޯގެ ގައިންގަޔަށް ނާރާ ބަލިތަކާއިބެހޭ ޑިރެކްޓަރ ޑރ.އެޗެނާ ކުގު ވިދާޅުވި ގޮތުގައި 1980ވަނަ އަހަރުން ފެށިގެން ހަކުރުބަލި ފެތުރިފައިވާ އަދަދު ވަނީ ހަތަރު ގުނަ އިތުރުވެފައެވެ.

މިއީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ 200 ޤައުމަކުން 4.4 މިލިއަން މީހުންގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. މިރިޕޯޓުން ދައްކާގޮތުގައި 1980ވަނަ އަހަރުން ފެށިގެން 2014ވަނަ އަހަރާއި ހަމަޔަށް އައިއިރު ހަކުރު ބަލީގެ ޝިކާރައަކަށްވެފައިވާ ފިރިހެނުން އަންހެނުންނަށް ވުރެން ގިނައިންނެވެ. އަދި ޗައިނާ، އިންޑިއާ، އިންޑޮނީޝިއާ، ޕާކިސްތާން، މިސްރު އަދި މެކްސިކޯ ފަދަ މިޑިލް އިންކަމް އާ ލޯއިންކަމް ޤައުމުތަކުގައި ހަކުރުބަލިވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.

ޑަބްލިއުއެޗްއޯއިން ބުނާގޮތުގައި ހަކުރުބަލި ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ކެއުން ބުއިމުގެ ރަގަޅު އާދަކާދަތައް އިތުރުކޮށް، ކަސްރަތާއި ހެލިފެލިވެ އުޅުމުގެ ވައްޓަފާޅި މުޖުތަމަޢުތަކުގެ މެދުގައި އަށަގެންގެވުން މުހިންމެވެ. އަދި ހަކުރު ބަލި ހުރި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެނީ ޗައިނާ، އިންޑިއާ، އެމެރިކާ، ބްރެޒިލް އަދި އިންޑޮނީޝިއާގައިކަމަށް މިރިޕޯޓުން ދައްކައެވެ.