ޚަބަރު

"ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް އިންޑިއާ ސިފައިން ފޮނުވާލުމަށް ކުރަންޖެހޭ މަސައްކަތް ކުރާނަން"


  • 89 ސިފައިން ރާއްޖޭގައި ތިބިކަން ސަރުކާރުން ހާމަކުރެއްވި

  • އިންޑިއާގެ ސިފައިން ޤައުމަށް ފޮނުވާލުމަށް މަސައްކަތްކުރައްވާކަން ފާހަގަކުރެއްވި

  • އެމީހުން ޤައުމަށް އަނބުރާ ދަންދެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ

އިންޑިއާ ސިފައިން މިޤައުމުން ބޭލުމަށްޓަކައި ދިވެހި ރައްޔިތުން ނިންމާފައިވާ ނިންމުން ހަޤީގަތަކަށް ހެދުމަށް ކުރެވެން އޮތް ކޮންމެކަމެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމް.ޑީ.ޕީގެ މަޖިލިސް މެންބަރުންތަކެއް ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާ ސިފައިންގެ އިތުރުން އެހެން އެއްވެސް ޤައުމެއްގެ ސިފައިނެއްވެސް މި ޤައުމުގައި ތިބުމަށް ދިވެހިން ނޭދޭކަން ތަކުރާރުކުރައްވާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ފޮނުވާލުމަށްޓަކައި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފެއްޓެވިކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އިންޑިއާ ސިފައިން ރާއްޖެއިން ގެންދިއުމަށް އެޤައުމުގެ ސަރުކާރުގައި ރަސްމީކޮށް އެދުނުކަމަށާއި، ދެ ޤައުމުގެ މަތީފަންތީގެ ބައްދަލުވުންތަކުގައިވެސް އިންޑިއާގެ ސިފައިން ގެންދިއުމަށް އެދުނު ކަމަށެވެ. ރައީސް ވިދާޅުވީ، އެ ނިންމުތައް ހަޤީގަތަކަށް ހަދާ ޑިޕްލޮމެޓިކް އުޞޫލުތަކުގެ މަތިން އިންޑިއާ ސިފައިން ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށެވެ.

"އަޅުގަނޑު ފުރިހަމަ ޔަޤީންކަން އެބަ އޮތް ރައްޔިތުން އެދިލެއްވި ގޮތަށް އަދި އަޅުގަނޑުވެސް ބޭނުންވާ ގޮތަށް މި ޤައުމުގައި ތިބި އިންޑިއާގެ ސިފައިން ގެންގޮސް ނިންމަވާނެ. ނިންމުމަށްޓަކާ ކުރަންޖެހުނު ކޮންމެ މަސައްކަތެއް ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން ކުރާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދުނިޔޭގެ އެކިއެކި ޤައުމުތަކާ ގާތް ގުޅުން އުފެއްދުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެއްޖެ ކަމަށެވެ. ނަމަވެސް ދިވެހިންނަކީ އަމިއްލަވަންތަ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި، އެހެން ބައެއް ފަރާތްތަކުގެ އެހީތެރިކަމާ ނުލާ ކުރިއަށް ދެވޭވަރުގެ ޤައުމެއްކަން ސާބިތުކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެގައި އިންޑިއާގެ 89 ސިފައިން ރާއްޖޭގައި ތިބިކަމަށާއި، އެ އަދަދު ބަދަލުވުމަކީ އެކަށީގެވާ ކަމެއްކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިގޮތުން އިންޑިއާއިން ހަދިޔާކުރި 1 ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތުގައި 24 ސިފައިން، 2 ވަނަ ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތުގައި 26 ސިފައިން އަދި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމުގައި 25 އިންޑިއާ ސިފައިން ހަރަކާތްތެރިވާކަން މެއިންޓަނަންސާއި އިންޖިއަރިންގެ މަސައްކަތުގައި 2 ސިފައިން ތިބިކަމަށްވަނީ ހާމަކުރައްވާފައެވެ.

ރައީސް ވަނީ މިރޭ އެ ޕާޓީއާ ގުޅިވަޑައިގެންނެވި މެންބަރުންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި އިތުރު މަޖިލިސް މެންބަރުން ސޮއިނުކުރެއްވި ނަމަވެސް އެމަނިކުފާނާއެކު އިތުރު އެމްޑީޕީ މެމްބަރުން އަދިވެސް އެބަ ތިބި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެމް.ޑީ.ޕީގެ ބައެއް މެމްބަރުން ތިބީ ވަރަށް ވަރުގަދަ އަޒުމެއްގައި ކަމަށާއި، "އިނގިލި ބުރިކޮށްލިޔަސް" އެމަނިކުފާނާ ދެކޮޅަށް އެ މެމްބަރުން ވޯޓު ނުދޭނެ ކަމަށެވެ.

"ރައްޔިތުންގެ ނިންމުމާ އެއްގޮތަށް އެމްޑީޕީންވެސް މަސައްކަތް ކުރަންވީ އެއީ ޑިމޮކްރެޓިކް ނިންމުމަށް އިޙްތިރާމް އަދާ ކުރުމަށްޓަކައި މިއަދު އެމްޑީޕީންވެސް ކުރަންވީ ކަމަކީ. އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތަންކޮޅެއް މެމްބަރުން ގިނަކޮށް ތިއްބެވީމާ އެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމަކީ ވަރަށް ޣައިރު ޒިންމާދާރު ކަމަކަށްވާނީ. ޑިމޮކްރަސީއާ ރައްޓެހި ގޮތެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިތުރު އެމް.ޑީ.ޕީ މެމްބަރުން ޕީއެންސީއާ ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އިތުރު މެންބަރުން ޤައުމީ ސަފަށް ނުކުމެ މަސައްކަތް ކުރައްވާނެކަމުގެ އުއްމީދުގައި ހުންނެވިކަމަށް ރައީސް ވިދާޅުވިއެވެ.