ޚަބަރު

އަންނަ މާރިޗުގައި އެފްޑީސީގެ 3 ޓަވަރުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިމޭނެ


  • 1 ޓަވަރުގެ ސްޓްރަކްޗަރގެ ހުރިހާ މަސައްކަތެއް ނިމިފައި

  • އެކި ޓަވަރުތަކުގެ ފިނިޝިންގެ މަސައްކަތްވެސް ކުރިއަށް އެބަދޭ

  • މީހުން ދިރިއުޅެން ފަށާއިރު ކޮމަރޝަލް އަދި ޒަރޫރީ ޚިދުމަތްތައް ލިބޭނެ

ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ޙަވާލުކޮށްގެން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން 3 ޔުނިޓުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހާއި ހަމައަށް ނިމޭނެކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރާ ފްލެޓުތަކުގެ މަޢުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި ޓުއަރގައި މި ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތުވަނީ ހިއްސާކޮށްފައެވެ.

އެ ކޯޕަރޭޝަނުން ބުނީ 32 ޓަވަރުގެ ތެރެއިން 3 ޓަވަރުގެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށެވެ. އަދި މި 3 ޓަވަރުގެ ޢަމަލީ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ މާރިޗު މަހާއި ހަމައަށް ނިމޭނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

މިގޮތުން އެއް ޓަވަރުގެ ސްޓްރަކްޗަރގެ މަސައްކަތް ނިމިފައިވާއިރު، ބައެއް ޓަވަރުތަކުގެ ސްޓްރަކްޗަރގެ މަސައްކަތް އެކި މަރުޙަލާތަކުގައި ދަނީ ކުރަމުންނެވެ. ޓަވަރުތަކުގެ ކަރަންޓު ދިނުމަށް ބޭނުންވާ ޕެނަލް ބޯޑުތަކުގެ ޝިޕްމަންޓު މީގެ 2 ހަފްތާކުރިން ލިބިފައިވާއިރު، ޓަވަރުތަކުގެ ލިފްޓުތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު އައުމުގެ މަގުމަތީގައިވާކަމަށް އެފް.ޑީ.ސީއިން ބުނެއެވެ.

އެފްޑީސީއިން ބުނީ ސްޓްރަކްޗަރގެ ޢަމަލީ މަސައްކަތުގެ ބޮޑުބައި ނިމެމުންދާ ޓަވަރުތަކުގެ ފިނިޝިންގ މަސައްކަތްވެސް ކުރަމުންދާކަމަށެވެ. އެގޮތުން ޕުޓީގެ މަސައްކަތާއި ޓައިލްސް ޖެހުމުގެ މަސައްކަތާއި ކަރަންޓު އަދި ފެން ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެފްޑީސީއިން ބުނެއެވެ.

މީގެއިތުރުން ޓަވަރުތަކުގެ މަސައްކަތް ނިމި، އެ ސަރަޙައްދުގައި މީހުން ދިރިއުޅެން ފަށަންވާއިރަށް އެ ސަރަޙައްދުގައި ޤާއިމުކުރަންޖެހޭ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

އެފް.ޑީ.ސީއިން ބުނީ ހައުސިންގ މިނިސްޓްރީން ފްލެޓު ލިބޭ މީހުންގެ ލިސްޓު އެކޯޕަރޭޝަނާއި ޙަވާލުކުރުމާއެކު އެގްރިމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޕޯޓަލް ތައްޔާރުކޮށް ބޭނުންވާ އިދާރީ ހުރިހާކަމެއްވެސް ހަމަޖެހިފައިވާކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރަށް ނިމެން އޮތްނަމަވެސް މިހާރުގެ ތާވަލުގައި އޮތްގޮތުން މި މަސައްކަތް އެއްކޮށް ނިމޭނީ 2025 ގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.