ޚަބަރު

މީޑިއާ ވިލެޖު ހެދުމަށް އެޗްޑީސީއާ ގުޅިގެން ހުޅުމާލެއިން ބިން ކަނޑައަޅަނީ


  • މީޑިއާތަކަށް ބަޖެޓުން އިންސައްތައެއް ދިނުމަށް ވަނީ ނިންމަވާފައި

  • މީޑިއާ ވިލެޖަކީ ރައީސް ވައުދުވެވަޑައިގެންނެވި މަސައްކަތެއް

ވަޒީރުންގެ މަޖިލީހުން މިހަފުތާގައި ނިންމެވި ގޮތަށް މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މީޑިއާ ވިލެޖު ގާއިމު ކުރުމަށް ނިންމެވި ނިންމެވުމަކީ ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް މުހިންމު ނިންމެވުމެއް ކަމަށެވެ. އެގޮތުން، މަސައްކަތް ކުރުމަށް އެކަށީގެންވާ ތަނެއް ނެތުމާއި މާލީގޮތުން ހުރި ދަތިތަކުގެ ޝަކުވާ ވަރަށް ގިނަ މީޑިއާތަކުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން މީޑިއާ ވިލެޖަށް ހުޅުމާލެއިން ބިން ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ބިން ބޭނުން ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލާ މީޑިއާތަކަށް ވިޔަފާރީގެ އުސޫލުން ފައިސާ ހޯދިދާނެ ގޮތްތައް ބައްލަވައި އެކަމާ ގުޅޭ ކަރުދާހެއް ހުށަހެޅުމަށް ރައީސް އަންގަވާފައިވާ ކަމަށް ވެސް ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މީޑިއާ ވިލެޖަށް ކަނޑައަޅާ ބިން ބޭނުން ކުރާނެ ގޮތް ނިންމާނީ އެޗްޑީސީއާއެކު މަޝްވަރާ ކުރެއްވުމަށްފަހު ރާއްޖޭގެ ނޫސްވެރިންނާވެސް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

"އެ ބިން އަޅުގަނޑުމެން ބޭނުން ކުރާނީ ކިހިނެއްތޯ އެއީ އަޅުގަނޑު އެކަނި ނިންމާނެ ނިންމުމެއް ނޫން. އެޗްޑީސީއާ މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން ނޫސްވެރިންނާއެކު އަނެއްކާވެސް އިށީންނާނަން. މި ބިން ބޭނުން ކުރާނެ އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ ބަލައި ހަމަ ޔަގީނުންވެސް ތަހުޒީބު މީޑިއާ ވިލެޖެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ތިޔަބޭފުޅުންނަށް ފެނިގެންދާނެ،" ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ނޫސްވެރިންނަށް ވިލެޖެއް ޚާއްސަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވައެވެ. ވިލެޖު ޤާއިމު ކުރުމުގެ އިތުރުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ދެއްވުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.