ޚަބަރު

މަޖިލީހުގެ ދައުރު ނިންމާލައިފި؛ ދައުރުތެރޭ ނިމިފައިވަނީ 57 އިންސައްތަ މަސައްކަތް


  • 5 ބިލެއް ވަނީ ފާސްކޮށްފައި

  • 25 ގަރާރެއްގެ މަސައްކަތް ފަށައި 6 ގަރާރުގެ މަސައްކަތް ވަނީ ނިންމާފައި

  • ޖުމްލަ 57.3 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ނިންމާލިއިރު 57.3 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ ނިންމަވާލައްވަމުން އަސްލަމް ވަނީ މިދައުރުގެ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ. މި ދައުރު ނިންމާލިއިރު 36 ޖަލްސާއެއް ބާއްވާފައިވާއިރު 93 ގަޑިއިރު މަޖިލީހުގެ މަސައްކަތް ކޮށްފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ދައުރުގައި ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓް ފާސް ކުރުމާއި 2024 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުން ހިމެނޭކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މިދައުރުގައި 5 ބިލެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މި ދައުރުގައި މަޖިލީހުން ފާސްކުރި ބިލްތައް:

* އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލް
* ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
* ކުންފުނިތަކުގެ ބިލް
* އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް
* މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ބިލް

ކުރީ ސަރުކާރުން ހުށަހެޅި 14 ބިލެއް ޤާނޫނުގެ 92 ވަނަ މާއްދާގެ ދަށުން މިހާރުގެ ސަރުކާރުގެ އެދުމުގެ މަތިން މަޖިލީހުން ވަނީ އަނބުރާ ފޮނުވާލާފައެވެ.

މީގެ އިތުރުން، މަޖިލީހަށް ހުށަޅާފައިވާ ޖުމުލަ 25 ގަރާރެއްގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އޭގެ ތެރެއިން 6 ގަރާރެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި، 17 ގަރާރެއްގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އޮތްކަން މަޖިލީހުގެ ރައީސް އަސްލަމް ފާހަގަކުރެއްވިއެވެ.