ޚަބަރު

އައު އަހަރާ ދިމާކޮށް ހުރިހާ އުމުރުފުރާއަކަށް ޚާއްސަ ފެސްޓިވަލެއް


  • ފެސްޓިވަލް ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި

  • މި މަހުގެ 31 ވަނަ ދުވަހު ހަވީރު ކުޑަކުދިންގެ އާއިލީ ހަވީރު ކުރިއަށްދާނެ

  • ދިވެހި ފަންނާނުނަށް ޚާއްސަ އިސްކަމެއް ދޭނެ

އައު އަހަރާ ދިމާކޮށް ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ބައިވެރިވެވޭ ފެސްޓިވަލެއް ބާއްވަން ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އައު އަހަރު ފާހަގަކުރުމަށް ޝޯއެއްގެ ބަދަލުގައި ބާއްވަން ނިންމާފައިވަނީ ފެސްޓިވަލެއް ކަމަށެވެ. އެގޮތުން، ކުޑަކުދިންނަށް ޚާއްސަކޮށްގެން އާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ލޭޒަރ ޝޯއަކާއި ހަވާއެރުވުމާއި ފަންނާނުންގެ ޝޯއެއް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި ކުރިއަށްގެންދާ މި ފެސްޓިވަލަކީ ދިވެހި ފަންނުވެރިންނަށް ޚާއްސަ ފެސްޓިވަލަކަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ކުރިން ބޭރުގެ ފަންނާނުން ގެނައި ނަމަވެސް ދިވެހި ފަންނާނުން ކުރިއެރުވުމަކީ މި ސަރުކާރުން އިސްކަމެއްދޭ ކަމެއް ކަމަށާއި އެ ފުރުސަތު މި ފެސްޓިވަލުން ފަހިވެގެންދާނެކަން ވަޒީރު އިބްރާހީމް ވަހީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ދައުރު ފެށިގެން އައިރު ތިބޭފުޅުންނަށް ވެސް ފާހަގަކުރެވޭނެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު ޚާއްސަ އިސްކަމެއް ދެއްވާ ދިވެހި އަރޓިސްޓުންނާއި ދިވެހިންނަށް ޚާއްސަ ފުރުސަތުތަކެއް ދިނުން. އަޅުގަނޑުމެންނަކީ އަޅުގަނޑުމެންނައިގެން އުޅޭ ބައެއްކަމުގައި ހެދުން. އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވެގެންދިޔައީ މިސަރުކާރުން ބާއްވާ ފުރަތަމަ ފެސްޓިވަލް ވެގެންދާނީ ދިވެހި ފަންނާނުންނަށް ޚާއްސަ ފެސްޓިވަލަކަށޭ،" ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

މި މަހުގެ 31 ވަނަ ދުވަހު މިފެސްޓިވަލް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ. މި ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަޒީރު އިބްރާހިމް ވަހީދު ދައުވަތު އަރުވައެވެ.