ޚަބަރު

އެއްބަސްވުންތައް ދަނީ ރިވިއުކުރަމުން؛ އިންޑިއާ ސިފައިން ފޮނުވުމުގެ މަޝްވަރާތައް ބާރަށް ކުރިއަށްދޭ: ތަރުޖަމާނު


  • ދެ ޤައުމުގެ ސަރުކާރުގެ އިސްފަރާތްތައް ހިމެނޭ ކޮމިޓީއެއްވަނީ އެކުލަވާލާފައި

  • މިހާރު ރާއްޖޭގައި ތިބީ އިންޑިއާގެ 89 ސިފައިން ކަމަށް ބެލެވޭ

  • އެއްބަސްވުންތައް ރިވިއުކުރުމުގެ މަސައްކަތް ކުރިއަށްދޭ

ކުރީ ސަރުކާރުން އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އިންޑިއާ ސިފައިން ފޮނުވާލުމަށް ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބާރަށް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ އިންޑިއާއާއެކު ކުރީ ސަރުކާރުން ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ފަހުގެ ތާރީޚެއްގައި އެއެއްބަސްވުންތައް އައު ކުރައްވާފައިވާ ކަމަށާއި ހުރިހާ އެއްބަސްވުމެއް ވެސް މިހާރު ރިވިއު ކުރަމުންދާ ކަމަށެވެ.

މި އެއްބަސްވުންތައް ރިވިއު ކުރަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް ފަރާތްތައް ހިމެނިވަޑައިގަންނަވާ ހައި ލެވެލް ޓެކްނިކަލް ކޮމިޓީއަކުން ކަންވެސް ޝަހީބު ވިދާޅުވިއެވެ. އަދި އެއްބަސްވުންތައް ރިވިއު ކުރުމަށްފަހު ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ފާހަގަކުރެވޭނަމަ އެކަންކަން ބަދަލު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އުވާލެއްވުމަށް ސަރުކާރުން ނިންމެވީ ވެސް ދެ ޤައުމުގެ ދެމެދުގައި އެކުލަވާލާފައިވާ ކޮމިޓީން ރިވިއު ކުރެއްވުމަށްފަހު ކަމަށް ޝަހީބު ވިދާޅުވިއެވެ.

ޝަހީބު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ރާއްޖޭގައި މިވަގުތު ތިބިކަމަށް ލަފާ ކުރެވޭނީ 89 އިންޑިއާ ސިފައިންނެވެ. އެ އަދަދު ބަދަލުވުމަކީ އެކަށީގެންވާކަމެއް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލު ކުރައްވާ ސިފައިން ފޮނުވާލެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.