ޚަބަރު

އައްޑޫ ވިއްސާރައިގައި ގެއްލުނު ލިބުނު ރަށްރަށް އާއްމު ހާލަތަކަށް؛ ލިބުނު ގެއްލުން ބަލަނީ


  • އައްޑޫ ސިޓީގެ 5 ރަށަށް ގެއްލުން ލިބުނު

  • 97 ގެއަކަށް ފެން ވަތް

  • ފުވައްމުލަކު އެއްވެސް ގެއަކަށް ފެން ވަދެފައި ނުވޭ

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް އިއްޔެ ކުރި ވިއްސާރައަށްފަހު ރަށްރަށް މިހާރު އާންމު ހާލަތަށް އައިސްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. މިވިއްސާރައިގައި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް ގޭގެއަށް ވަނީ ފެންވަދެފައެވެ.

އެންޑީއެމްއޭއިން ވިދާޅުވީ، ބުދަ ދުވަހު އައްޑޫއަށް ކުރި ވިއްސާރައިގައި ގާތްގަނޑަކަށް 8 ގަޑިއިރެއްހާއިރު ވަންދެން މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާކަމަށެވެ. މިވިއްސާރައިގައި އައްޑޫ ސިޓީގެ 5 ރަށެއްގައި ފެން ބޮޑުވެފައިވެއެވެ. މި 5 ރަށުން 97 ގެއަކަށް ވަނީ ފެން ވަދެފައެވެ. ނަމަވެސް އެއްވެސް ގެއަކުން މީހުން ބަދަލުކުރަން ޖެހޭވަރަށް ގެއްލުން ވެފައި ނުވާކަމަށް އެއިދާރާއިން ވަނީ ހާމަކުރައްވާފައެވެ. އެންޑީއެމްއޭއިން ވިދާޅުވީ ގެތަކަށް ލިބުނު ގެއްލުން ބަލައި ދިރާސާކުރަމުންދާކަމަށެވެ. ފެންބޮޑުވުމާއި ގުޅިގެން ބައެއް ގޭގެއިން ކަރަންޓުވެސް ކެނޑިފައިވެއެވެ. ނަމަވެސް މިހާރު އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

ފުވައްމުލަކަށް ކުރި ވިއްސާރައިގައި މަގުތަކުގައި ފެން ބޮޑުވި ނަމަވެސް ގޭގެއަށް ފެންވަދެ ގެއްލުން ވެފައި ނުވާކަމަށް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ ރަށްތަކުގައި ފެން ހިއްކުމާއި، ކޯރުކެނޑުމާއި، ވެލިބަސްތާ ޖެއްސުން ފަދަ މަސައްކަތްތަކުގައި ކައުންސިލާއި، އަވަށު އޮފީސްތަކާއި، ސިފައިންނާއި، ފުލުހުންގެ އިތުރުން ދިވެހި ރެޑްކްރެސެންޓާއި އާރުޑީސީއާއި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް މިއަދުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހޭނެކަމަށް ނުދައްކާކަމަށެވެ.

މޫސުން މިހާރު ގޯސްކޮށް އުޅެނީ ލ. އަތޮޅުން ފެށިގެން އުތުރުގެ ރަށްތަކަށެވެ. ނަމަވެސް ހުކުރު ދުވަހު މުޅި ރާއްޖެއަށްވެސް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ އިދާރާއިންވަނީ ލަފާކޮށްފައެވެ.