ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީން ނިންމައި ޚާއްސަ ޖަލްސާއެއް ބާއްވަން އެދިއްޖެ ހާލަތެއްގައި އެޖަލްސާ ބާއްވަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ ފެއްޓެވުމުގެ ގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ މިއީ މިދައުރުގެ އެންމެ ފަހު ޖަލްސާއަށްވީ ނަމަވެސް ސަރުކާރުން ހުށަހަޅުއްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަކީ މުހިންމު މައްސަލައެއް ކަމަށެވެ. އެހެންކަމުން، ކޮމިޓީން އެ މައްސަލައިގެ ރިޕޯޓު ނިންމައި ފޮނުއްވުމަށްފަހު އެގޮތަށް އެދިއްޖެނަމަ ޚާއްސަ ޖަލްސާއެއް ބާއްވަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޚާއްސަ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މި މަހުގެ 18 ވަނަ ދުވަހުގެ ޖަލްސާއަށް ވެސް އެޖެންޑާ ކުރިއެވެ. ނަމަވެސް ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމުގެ ކަންކަން ފުރިހަމަނުވާތީ ކަމަށް ބުނެ މަޖިލީހުގެ ރައީސް ވަނީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުއްވާފައެވެ. މިއީ މީގެކުރިން މަޖިލީހުން ޢަމަލުކުރައްވާ ގޮތެއް ނޫންކަމަށް ބައެއް މެންބަރުންވަނީ ވިދާޅުވެފައިވެއެވެ.
މިމައްސަލަ މިހާރު ކޮމިޓީ މަރުހަލާއަށް ފޮނުއްވާފައިވާއިރު މިމަހުގެ 24 ވަނަ ދުވަހަށް ތާވަލު ކުރި ކޮމިޓީ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ބާއްވާފައިނުވެއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރަކީ 1 އޯގަސްޓުން ނޮވެމްބަރުމަހުގެ ނިޔަލަށެވެ. ނަމަވެސް ނޮވެމްބަރު މަހަށް ދައުރު ނުނިންމާ ދެފަހަރެއްގެ މަތިން މަޖިލީހުގެ މި ދައުރުވަނީ ދަންމާލާފައެވެ. އެންމެ ފަހުން ދައުރު ދަންމާލީ ޑިސެމްބަރު 28 ވަނަ ދުވަހާއި ހަމައަށެވެ.
ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގެ ދައުރު ނިންމާތީ ބައެއް މެންބަރުންނާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.