ޚަބަރު

އަހުމަދު މޫސާގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި


  • ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން މައްސަލަ މުރާޖައާ ނުކުރުމަށް ޕީޖީން އެދޭ

  • ޕާސްޕޯޓު ދޫކުރާނަމަ ޝަރުތުތަކާއެކު ދޫކުރުމަށް އެދޭ

  • ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރަން ހުށަހެޅީ މިއަދު

މަކަރާއި ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ މުޙައްމަދުގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އަހުމަދު މޫސާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ ވަގުތީގޮތުން އެ ޕާސްޕޯޓު ދޫކޮށްލުމަށް ޢަމުރުކޮށްފައެވެ. އެ އަމުރު ޕީޖީން ވަނީ ހައި ކޯޓުގައި ވެސް އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާޢީދުކޮށްފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ހައި ކޯޓުން އެ އަމުރަށް ތާއީދުކުރުން ހިތްހަމަ ނުޖެހޭ ކަމަށެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރީ ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

އަހުމަދު މޫސާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ މިމަހުގެ 6ވަނަ ދުވަހުންން ފެށިގެން މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށެވެ. މި މައްސަލަ ހައިކޯޓުން ނިންމިއިރު އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ކަނޑައެޅި މުއްދަތު ވަނީ ހަމަވެފައެވެ. އަހުމަދު މޫސާގެ ޕާސްޕޯޓް އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. ނަމަވެސް މިއަދު ވަކިގޮތެއް ނުނިންމައެވެ.

ޕީޖީން ވަނީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަވަންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދެވުމަށް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައެވެ. އަދި ޕާސްޕޯޓު ދޫކޮށްލަން ނިންމަވާ ހާލަތުގައި ވެސް ޝަރުތުތުތަކެއް ކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ.