ވަޒީރުންނަށް ރުހުން ނުދީ، މިއަހަރުގެ އެންމެ ފަހު ޖަލްސާ މާދަމާ ބޭއްވުމަށް ނިންމައި އެޖެންޑާ ޢާންމުކޮށްފިއެވެ.
މާދަމާ ބާއްވަނީ މަޖިލީހުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާއެވެ. އެ ޖަލްސާއަށް މަޖިލީހުގެ ރައީސްގެ މޭޒުން ދެ ކަމެއް ހުށަހަޅުއްވާފައިވާއިރު ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ ތައާވަލުކޮށްފައެވެ.
ފަހު ޖަލްސާގައި ތައާރަފު ކުރެއްވުމަށް ހަމަޖެހިފައިވަނީ ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަފީގު ހުށަހަޅުއްވާފައިވާ ބިލާއި، އެޤާނޫނު އުވާލުމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި އެމަނިކުފާނު ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުއްވުމަށެވެ. އަދި "މިނަމަޓާ ކޮންވެންޝަން އޮން މަރކިއުރީ" ގައި ރާއްޖޭން ބައިވެރިވުމާމެދު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ވަނީ އެޖެންޑާ ކުރައްވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ރިޔާސަތުން ވަނީ މި މަހުގެ 18 ވަނަ ދުވަހު އޮތް ޖަލްސާގައި އަނބުރާ ކޮމިޓީއަށް ފޮނުވާފައެވެ. ނަމަވެސް ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމުގެ ކަންކަން ފުރިހަމަނުވާތީކަމަށް ބުނެ މަޖިލީހުގެ ރައީސް ވަނީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުއްވާފައެވެ. ނަމަވެސް މިއީ މީގެ ކުރިން މަޖިލީހުން ޢަމަލުކުރައްވާ ގޮތެއް ނޫންކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރަކީ 1 އޯގަސްޓުން ނޮވެމްބަރުމަހުގެ ނިޔަލަށެވެ. ނަމަވެސް ނޮވެމްބަރު މަހަށް ދައުރު ނުނިންމާ ދެފަހަރެއްގެ މަތިން މަޖިލީހުގެ މި ދައުރުވަނީ ދަންމާލާފައެވެ. އެންމެ ފަހުން ދައުރު ދަންމާލީ ޑިސެމްބަރު 28 ވަނަ ދުވަހާއި ހަމައަށެވެ.
ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގެ ދައުރު ނިންމާތީ ބައެއް މެންބަރުންނާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.