އދ. ދިގުރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮތް ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމުމަށް އާއިލާއާ މަޝްވަރާ ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ކޮތަޅަކަށްލައި، އެއްލާލާފައި އޮތް ކުއްޖަކު ދިގުރަށު ކުނިގޮނޑުން ފެނުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރުވި އިރުވެސް މަރުވެފައި އޮތް ކަމަށް އެ ރަށު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ކުއްޖާގެ ޕޯސްޓްމޯޓަމްވެސް ވަނީ ހައްދާފައެވެ. ނަމަވެސް އޭގެ ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަނުކުރައްވައެވެ. ޕޯސްޓްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މި މަހުގެ 15ގައެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު މިހާރު އެ ކުއްޖާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.
ވިހެއުމަށްފަހު ކުއްޖާ އެއްލާލި މައްސަލައިގައި 30 އަހަރުގެ ސްރީލަންކާ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރީ ކުނިގޮނޑުން ކުއްޖާ ފެނުނު ދުވަހު ލަންކާއަށް ފުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ކުއްޖާގެ މަންމަ ކަމަށް ޝައްކު ކުރެވޭ މީހާއެވެ. ޝަރީއަތް ނިމެންދެން އެ އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.