ޚަބަރު

މިއަދަކީ ދުނިޔޭގެ ޞިއްޙަތު ދުވަސް


މިއަދަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ޞިއްޙަތު ދުވަހެވެ. ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 7 ވަނަ ދުވަސް ފާހަގަކުރަމުން ގެންދަނީ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައެވެ. ރާއްޖޭގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރައްވައި ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތް ފުޅާކުރެއްވުމަށް ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ޞިއްޙަތު ދުވަސް ރާއްޖޭގައިވެސް ކޮންމެ އަހަރަކުވެސް ފާހަގަކުރެއެވެ. މި ދުވަސް ދުނިޔޭގައިވެސް އަދި ރާއްޖޭގައިވެސް ފާހަގަކުރުމުގެ ބޭނުމަކީ ރައްޔިތުންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް ޒިންމާވާންޖެހޭ ފަރާތްތަކުގެ ދައުރު ފުޅާކޮށް ހަރުދަނާކުރުމަށާއި ޞިއްޙީ ކަންކަމަށް ފަހިކަން ހޯދުމުގައި މުޖުތަމަޢުގެ ދައުރު ހަރުދަނާކުރުމަށާއި ޞިއްޙީގޮތުން ރައްކާތެރި އާދަތަކަށް އަހުލުވެރިވުމަށް ޢާންމުކޮށް އެންމެން ހޭލުންތެރިކުރުވައި ސަމާލުކުރުވުމެވެ. ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ޕްރިވެންޓް، ޓްރީޓް، ބީޓް ޑައިބަޓީޒް" ނުވަތަ "ރައްކާތެރިވަމާ، ފަރުވާ ކުރަމާ، ހަކުރުބަލީގެ މައްޗަށް ކުރިހޯދަމާ". މި ޝިޢާރެވެ.

ދިވެހިރާއްޖެއަކީ 200 އެއްހާ ރަށަށް މީހުން ބެހިގެން ދިރިއުޅެމުން އަންނަ އާބާދީއެއް އޮންނަ ޤައުމަކަށްވުމާއި ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑު ޤައުމަކަށްވުމާއި އަދި ފަރުވާގެ އިންތިޒާމްތައް ކުރުމުގައިވެސް ދަތިކަން ހުރި ޤައުމަކަށްވީނަމަވެސް ދިވެހިރާއްޖެއިން ވަނީ ނިސްބަތުން ކުރު މުއްދަތެއްގެ ތެރޭގައި ޞިއްޙީ ދާއިރާއިން ބޮޑު ކުރިއެރުންތަކެއް ހޯދާފައެވެ. ބޭރަށްހިންގުމާއި މެލޭރިޔާއާއި ފައިލޭރިޔާއާއި ޓީބީ ފަދަ ގައިން ގަޔަށް އަރާ، ހަމައެހެންމެ ފަސޭހައިން ފެތުރޭ ބަލިތައް ރާއްޖޭގައި ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ކޮންޓްރޯލް ކުރެވިފައެވެ. އަދި މީގެ ތެރެއިން ބައެއް ބަލިތައް ވަނީ ރާއްޖެއިން މުޅިން ނައްތާލެވިފައެވެ. އަދި ޞިއްޙީ ފަރުވާގެ އަސާސީ އިންތިޒާމުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރެވި، ކަމެއް ދިމާވުމުން މަދުވަގުތުކޮޅެއްގެ ތެރޭގައި ފުރަތަމަ މަރުޙަލާގެ ފަރުވާދިނުމުގެ އިންތިޒާމް ވަނީ ހަމަޖެއްސިފައެވެ. އަދި އެކި ބަލިބައްޔަށް ރަނގަޅު ފެންވަރުގެ ފަރުވާދިނުމުގެ އިންތިޒާމްތައް ކުރައްވައި، އެކަންކަން ގެންދަވަނީ ފުޅާކުރައްވަމުންނެވެ. ޚާއްޞަކޮށް ސްޕެޝަލިސްޓުންނާއި ސުޕަރ ސްޕެޝަލިސްޓުންގެ ފަރުވާގެ އިންތިޒާމްތައްވެސް ގެންދަވަނީ ހަމަޖައްސަވަމުންނެވެ. މީގެއިތުރުން ކޮންމެ ދިވެހި ރައްޔިތަކަށް ހުސްނުވާ އާސަންދައިގެ ދަށުން ހިލޭ ބޭސްކުރުމުގެ މަގު ސަރުކާރުން ވަނީ ތަނަވަސްކުރައްވާފައެވެ.

ދިވެހިރާއްޖެ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށާއި ދިރިއުޅުމުގެ އާދަތައް ރަނގަޅުކޮށް، ޞިއްޙީ ނުރައްކާތަކުން ސަލާމަތްވުމަށާއި ބަލިޖެހުމުން ފަރުވާދިނުމަށްވުރެ ބަލިތަކުން ރައްކާތެރިވެވޭނެ ވައްޓަފާޅި އަށަގެންނެވުމަށެވެ. ޚާއްޞަކޮށް ޞިއްޙަތަށް ފައިދާހުރި ކާބޯތަކެތި ކެއިން ބުއިމުގައި ބޭނުންކުރުމަށާއި ޞިއްޙީގޮތުން ރައްކާތެރިނޫން ތައްޔާރީ ކާނާ ބޭނުންކުރުން މަދުކުރުމާއި މީރު ކާނާއަށްވުރެ ރައްކާތެރި ކާނާއަށް އިސްކަންދިނުމެވެ.

ދިވެހިރާއްޖެއަކީ ތަރައްޤީގެ ދުވެލި އަވަސް އަދި ތަހުޒީބުގެ ސިފަތައް އަށަގެންފައިވާ ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ގެންދަވަނީ އެތައް ބިލައަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގަވަމުންނެވެ. މީގެތެރޭގައި ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް މަރާމާތު ކުރެއްވުމާއި އާބާތުރަފިލުވުމުގެ މަސައްކަތާއި ޞިއްޙީ އިންފަރާސްޓްރަކްޗަރ އިތުރަށް ފުޅާކުރައްވައި އިތުރުކުރެއްވުން ހިމެނެއެވެ. 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް މިފަދަ 138 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިޔަށް ނިންމާފައިވެއެވެ. މި 138 ޕްރޮޖެކްޓުގެ މަސައްކަތަށް 206 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައެވެ. ރާއްޖޭގެ މީހުން ދިރިއުޅެމުން ގެންދާ ހުރިހާ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭނެ މަރުކަޒެއް ވަނީ ޤާއިމްކުރައްވާފައެވެ. އަދި ކޮންމެ އަތޮޅެއްގައި އަތޮޅު ހޮސްޕިޓަލެއްވެސް ޤާއިމްކުރައްވާފައިވެއެވެ. މީގެ އިތުރުން ބަލިމީހުން ގޮވައިގެން ދަތުރުކުރުމަށްޓަކައި އެންބިއުލަންސާއި އެއްގަމު އުޅަނދުފަހަރާއި ސީ އެންބިއުލަންސްގެ ޚިދުމަތްވެސް ގެންދަނީ ދެއްވަމުންނެވެ. އެގޮތުން ރާއްޖޭގެ ހޮސްޕިޓަލްގެ ޚިދުމަތް ދެމުންގެންދާ ހުރިހާ ރަށެއްގައި މި ޚިދުމަތްދެމުން ގެންދާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި އެއްގަމުގައި ދުއްވާ އެންބިއުލަންސްގެ އިތުރުން ކަނޑުގައި ދުއްވާ ސީ އެންބިއުލަންސްގެ ޚިދުމަތްވެސް ސަރުކާރުން ދަނީ ފޯރުކޮށްދެއްވަމުންނެވެ. ސީއެންބިއުލާންސްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 21 ލޯންޗެއް ސީ އެންބިއުލާސްއަށް ބަދަލުކުރެވި ޚިދުމަތަށް ނެރެފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. މީގެ އިތުރުން އާސަންދައިގެ ޚިދުމަތް ލިބޭ 183 ފާމަސީއެއް ރާއްޖެގައި ވަނީ ޤާއިމްކޮށް ހިދުމަތްދޭން ފަށާފައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ހެލްތް މިނިސްޓްރީން، އެސްޓިއޯއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މި ޕްރޮޖެކްޓްގެ ސަބަބުން އެއްރަށުން އަނެއްރަށަށް ބޭސް ސިޓީ ހިފައިގެން ދިއުމަށް ކުރާ ހޭދަ މިވަނީ ކުޑަކުރެވިފައެވެ.

މީގެ އިތުރުން ރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތް އަތޮޅުތަކުގައި ދިނުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. ރާއްޖެން ބޭރަށް ބޭސް ފަރުވާއަށް ގިނަ އަދަދެއްގެ މީހުން ކޮންމެ އަހަރަކުވެސް ދެއެވެ. ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދިވެހިންގެ އަތުން ބޮޑު ޚަރަދެއް ހިނގާއިރު އަމިއްލަ ޤައުމުގައި ރަނގަޅު ޞިއްޙީ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ ކޮންމެ ދިވެއްސެގެވެސް އުއްމީދެކެވެ. ބޭސް ފަރުވާއަށް ބޭނުންވާ ކޮންމެ ފަހަރަކު ރާއްޖެއިން ބޭރަށް ދިއުމަކީ ފަސޭހަކަމެއް ނޫންކަމަށާއި، އެހެންކަމުން އެ ޚިދުމަތް ހިލޭ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޔާމިން ވިދާޅުވެފައިވެއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕީޓަލުގައި މިސަރަޙައްދުގެ އެންމެ ރަނގަޅު ފެންވަރުގެ ކެތްލެބް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތައް ހުންނަ ފަރާތްތަކަށް "ސުޕަރ ސްޕެޝަލިޓީ" ޑައިގްނޯސްޓިކް ސެންޓަރެއްވެސް މިއަހަރު ޤާއިމްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސަރަޙައްދުގެ ތަޖުރިބާކާރުން ގެނެސްގެން ހަމަ އެ ސެންޓަރުން ކިޑްނީ ޓްރާންސްޕްލާންޓްވެސް ހެދިގެންދާނެ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އަދި ފަރުވާތައް ތަޙްލީލު ކުރުމާއި ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރެއްވުމުގެ ގޮތުން އެމަނިކުފާނު ވެވަޑައިގަންނަވާފައިވާ ވަޢުދާއެއްގޮތަށް މިސަރަޙައްދުގެ އެންމެ ފެންވަރު ރަނގަޅު ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރު އަންނަ ސެޕްޓެމްބަރ މަހުގެ ކުރިން އައި.ޖީ.އެމް.އެޗްގައި ޤާއިމް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޔާމީން ވަނީ އަރުއްވާފައިވެއެވެ. މިއީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމަކަށް ވާނެއެވެ.

މިދިޔަ 2 އަހަރު ޞިއްޙީ ދާއިރާއަށް އަމާޒުކުރައްވައިގެން އިސްކަންދެއްވައިގެން ކުރިޔަށްގެންދެވި ކަންތައްތަކުގެ ތެރޭގައި ހެލްތް ސްކުރީން ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ. 10،500 ކުދިންގެ ހެލްތް ސްކްރީން ހަދައި ނިމި އޭގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދިންނަށް ސްޕެޝަލިސްޓް ޑޮކްޓަރުގެ ފަރުވާ ދެވިފައިވާކަން ފާހަގަކުރެވެއެވެ. އަދި 8،000 ކުދިންގެ ތެލަސީމިއާ ޓެސްޓް ކުރެވިފައިވެއެވެ. މި ކަންތައްތަކުގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޚީ ޚިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން ދަނީ ދުރުރާސްތާ ޕްލޭންތައް ކަނޑައެޅި، މަސައްކަތްތަކެއް ކުރައްވަމުންނެވެ. ބައިނަލްއަޤުވާމީ ސިއްޙަތު ދުވަސް ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު ރާއްޖޭގައި މިދުވަހާއި ގުޅިގެން ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ.