ޚަބަރު

ދިވެހި އުފެއްދުންތެރިންގެ ތަކެތި ބޭރުގެ މާރކެޓަށް ވިއްކޭނެ މަގުފަހިކޮށްދެނީ


  • ދިވެހި އުފެއްދުންތެރިންނަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދޭނެކަމަށް

  • ހުރިހާ ދާއިރާއަކުންވެސް ފުރުސަތު ފަހިވެގެންދާނެ

  • ކަނބަލުންނަށް ޚާއްޞަ ލޯނަށް ހުޅުވާލުމަށް ވަނީ ތައްޔާރުވެފައި

ދިވެހި އުފެއްދުންތެރިން އުފައްދާ ތަކެތި ބައިނަލްއަޤްވާމީ މާކެޓްތަކަށް ވިއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ތަފާތު ދާއިރާތަކުން އުފެއްދުންތެރިން ހަރަކާތްތެރިވާއިރު، އެމީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމީހުންގެ އުފެއްދުންތައް މާކެޓް ކުރެވޭނެ ގޮތެއް ފަހިވެފައި ނެތުމެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން ޒާމިރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިން އުފައްދާ އުފެއްދުންތައް ހަމައެކަނި ރާއްޖޭގެ މާކެޓަށް ވިއްކަން ދޫކޮށްލާފައި ބޭއްވުން ނޫންކަމަށެވެ.

ރައީސްގެ ތަސައްވުރަކީ ރާއްޖޭގެ މާކެޓާއި އެއްކޮށް އިންޓަނޭޝަނަލް މާކެޓަށްވެސް ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް ޒާމިރު ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ޕްލެޓްފޯމްގައި ދިވެހި އުފެއްދުންތެރިން އުފައްދާ ތަކެތި ވިއްކޭނެ ނިޒާމެއް ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. ޒާމިރު ވަނީ ބައިނަލްއަޤްވާމީ ފްލެޓްފޯމްތަކުގައި ދިވެހި އުފެއްދުންތައް ވިއްކުމަށް މިވަގުތު ހުރަސްތަކެއްވެސް ހުރިކަންވެސް ފާހަގަކުރައްވާފައެވެ.

"ފައިސާ ފޮނުވުމާއި ފައިސާ ރިސީވްކުރުމާއި، ތަކެތި ފޯރުކޮށްދިނުމަށް ދިމާވާ މައްސަލަތައްވެސް އެބަހުރި. ޚާއްސަކޮށް އިންޓަނޭޝަނަލް ޕްލެޓްފޯމްގައި އެއްޗެއް ވިއްކާފައި ފައިނޭންސް ރިސީވްވުމުގައި ދަތިތަކެއް އެބަހުރި. އެހެންވީމަ އެ މައްސަލަތައް ހައްލުކޮށް އެ ދަތިތައް ހައްލުކޮށް އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި ދިވެހިރާއްޖޭގެ ރައްޔިތުން ޚާއްސަކޮށް ޒުވާނުން އަދި އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކުން އަދި އަންހެން ކަނބަލުން އުފައްދާ ތަކެތި އެއީ ދަނޑުވެރިކަމުގެ ދާއިރާއިން ވިއަސް މަސްވެރިކަމުގެ ދާއިރާއިން ކަމަށްވިއަސް އެހެނިހެން އަތްތެރި މަސައްކަތުގެ ދާއިރާއިންވިއަސް އެތަކެތި މާކެޓް ކުރެވޭނެ ގޮތަކަށް އިންތިޒާމްތައް ރާވަމުން މިދަނީ. އިރާދަކުރެއްވިއްޔާ ހަފްތާ14 ނިމޭއިރު އަޅުގަނޑުމެންނަށް އެހިސާބަށް އާދެވިފައި ހުންނާނީ." ޒާމިރު ވިދާޅުވިއެވެ.

ސަރުކާރުގެ ހަފްތާ14 ގައި ސަރުކާރުން ހިމަނުއްވާފައިވާ ކަނބަލުންނަށް ދޫކުރާ ލޯނު ސްކީމްގެ އިންތިޒާމުތައް މިހާރު ނިމިފައިވާކަމަށްވެސް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ 'ސްޓާޓްއަޕް ލޯން ސްކީމް'އެއް ތަޢާރަފުކުރުމަކީ ސަރުކާރުގެ ހަފްތާ14 މަގުޗާޓުގައި ކަނޑައަޅާފައިވާ މުހިންމު އެއް ސިޔާސަތެވެ.