ޚަބަރު

ނޭޓޯއާ ގުޅެން ސްވިޑެންނަށް މަގުފަހިވެއްޖެ


ނޭޓޯގެ މެމްބަރު ޤައުމަކަށްވުމަށް ސްވިޑެނުން ކުރަމުންދާ މަސައްކަތަށް ތުރުކީވިލާތުން ތާޢީދުކޮށްފިއެވެ. އެއާއެކު ނޭޓޯއާ ގުޅުމަށް ސުވިޑެންނަށް ވަނީ އިތުރަށް މަގުފަހިވެފައެވެ.

ސުވިޑެންގެ ހުށަހެޅުން ތުރުކީވިލާތުން ފާސްކުރުމަކީ ހުޅަނގުގެ އިއްތިޙާދާ ގުޅެން ސްވިޑެނުން ކުރާ މަސައްކަތަށް ވަރަށް މުހިންމު ފިޔަވަޅެކެވެ. ތުރުކީވިލާތުން ވަނީ ނޭޓޯގެ މެމްބަރު ޤައުމަކަށް ވުމަށް ސްވިޑެނުން ހުށަހެޅި ހުށަހެޅުމަށް ވަކި ފިޔަވަޅުތަކެއް އަޅަން ބުނެފައެވެ. އެކަމާ ގުޅިގެން ނޭޓޯއާ ގުޅެން ސްވިޑެންނަށް މިހާރު ވެސް އޮތީ 19 މަސް ދުވަހަށް ލަސްވެފައެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ އިސްކޮށް އޮވެ، އެކުލަވާލި ޚާރިޖީ ކޮމިޝަނުން ވަނީ ސުވިޑެންގެ ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދީފައެވެ. ޚާރިޖީ ކޮމިޝަނުން ހުށަހެޅުން ފާސްވުމުން ދެން އޮތް މަރުހަލާގައި ހުށަހެޅުމަށް ވޯޓު ދޭނީ އާންމު މަޖިލީހުންނެވެ. ޢާންމު މަޖިލީހަކީ ވެސް އުރުދުޣާންގެ ޕާޓީން ކޮންޓްރޯލުކުރާ މަޖިލީހެކެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވަނީ ސްވިޑެންގެ ހުށަހެޅުން ފާސްކޮށްދިނުމުން ތުރުކީވިލާތުގެ ޚާރިޖީ ކޮމިޝަނަށް ތައުރީފު ކުރައްވައިފައެވެ. އަދި ސްވިޑެންގެ ބައިވެރިވުމުން ނޭޓޯ އިތުރަށް ވަރުގަދަވާނެ ކަމަށް ސްޓޮލްޓެންބާގް ވިދާޅުވިއެވެ. ޓެރަރިސްޓް ޖަމާޢަތަކަށް އެހީތެރިވާ ކަމަށްބުނެ ސްވިޑެން އާއި ފިންލޭންޑް ނޭޓޯއާ ގުޅުމަށް ތުރުކީވިލާތުން ފުރަތަމަ ވަނީ ދެކޮޅު ހަދައިފައެވެ.

ނޭޓޯއަކީ ކުރީގެ ރޫސީވިލާތުގެ ކިބައިން ރައްކާތެރިކަން ހޯދުމަށް އެމެރިކާއިން އިސްވެ 1949 ވަނަ އަހަރު އުފައްދާފައިވާ އިއްތިޙާދެކެވެ. ނޭޓޯގެ މެމްބަރު ޤައުމުތަކުގެ ގޮތުގައި 31 ޤައުމު ހިމެނެއެވެ.