ޚަބަރު

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް، ފުލުހުންގެ "ވޯކް އެންޑް ޓޯކް" ހަރަކާތެއް


  • ފުލުހުންނާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވި

  • ރައްޔިތުންނާ ފުލުހުން ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރި

  • ބަންދު ތެރޭގައި ކަންކަން ކުރަންވީ ގޮތާ ގުޅޭގޮތުން މައުލޫމާތު ދިން

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ''ވޯކް އެންޑް ޓޯކް'' ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، އިއްޔެ މި ހަރަކާތް ކުރިއަށްގެންދިޔައީ ހަވީރު 4:00 ން 6:00 އަށެވެ. މާލެ ސަރަހައްދު ހިމެނޭހެން ފުލުހުން ގާއިމުވެ ޚިދުމަތް ދެމުންދާ ހުރިހާ ރަށެއްގައިކަމަށެވެ.

މި ހަރަކާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތުގައި ފުލުހުން މަގުތަކަށް ނުކުމެ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށާއި ކުށްމަދު، އަމާން މާހައުލެއް ގާއިމުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ ހިޔާލުބަދަލުކޮށް މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން، މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަށްވާތީ ޗުއްޓީއަށް ފުރައިގެން ދިއުމުގެ ކުރިން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ކަނޑުދަތުރުފަތުރު ކުރުމާއި މޫދަށް އެރި އުޅުމުގައި ހާއްސަ ސަމާލުކަމެއް ދޭންވީ ކަންކަމާ ގުޅޭ މައުލޫމާތު ވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ. އަދި ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުން ދެކޭގޮތް އޮޅުންފިލުވައި، އިތުރަށް ރަނގަޅު ކުރަންވީ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްފައިވާނެ ކަމަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވައެވެ.