ސިއްހަތު

ހަކުރު ބަލި، ސަމާލުވެއްޖެނަމަ ސަލާމަތްވެވިދާނެ ބައްޔެއް!


ބައިނަލް އަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރަކީ "ޕްރިވެންޓް، ޓްރީޓް، ބީޓް ޑައިބެޓީޒް" ނުވަތަ "ރައްކާތެރިވަމާ، ފަރުވާ ކުރަމާ، ހަކުރުބަލީގެ މައްޗަށް ކުރިހޯދަމާ" މި ޝިޢާރެވެ.

ހަކުރު ބައްޔަކީ ދިގު މުއްދަތަކަށް ފަރުވާކުރަންޖެހޭ، ގައިން ގަޔަށް ނާރާ ބައްޔެކެވެ. ހަކުރު ބަލި ޖެހެނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޗިސްމެއިން އިންސިއުލިން އުފައްދައިދިނުމުން ނުވަތަ ހަށިގަނޑުގައި އުފެދޭ އިންސިއުލިން އެކަށީގެންވާގޮތަށް ހަށިގަނޑަށް ބޭނުންނުކުރެވުމުގެ ސަބަބުންނެވެ. އިންސިއުލިންއަކީ ލޭގައި ހަކުރު ހުންނަ މިންވަރު ގާތްގަނޑަކަށް އެއްމިނެއްގައި ހިފަހައްޓައިދޭ ހޯރމޯނެކެވެ. މި ހޯރމޯން މަދުވުމުން ނުވަތަ އޭގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވިއްޖެނަމަ، ލޭގައި، ހަކުރު ހުންނަ މިންވަރު މައްޗަށްދެއެވެ. އަދި އެކަށީގެންވާ ފަރުވާ ޤަވާޢިދުން ނުކުރެއްވިއްޖެނަމަ، ލޭގައި ހަކުރު ހުންނަ މިންވަރު ދިގު މުއްދަތަކަށް މަތީގައި ހުރުމުގެ ސަބަބުން، ހަށިގަނޑުގެ އެކި ގުނަވުންތަކަށް ގެއްލުން ލިބެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔު.އެޗް.އޯއިން އަންދާޒާ ކުރައްވާގޮތުގައި ހަކުރުބަލިޖެހިފައިވާ 350 މިލިއަން މީހުން މިވަގުތު ދުނިޔޭގައި އެބަތިބިއްބެވެ. މިއީ ދުނިޔޭގެ އާބާދީގެ ނިސްބަތުން ބަލާއިރު، ގާތްގަނޑަކަށް %9 މީހުންނެވެ. ދިވެހިރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި، ހަކުރު ބަލި ޖެހިފައިވާ 71 މިލިއަން މީހުން ދިރިއުޅޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާކުރެއެވެ. ރާއްޖޭގައި ހަކުރުބަލި ޖެހިފައިވާ ނިސްބަތް %4.7 ހުރިއިރު، ހަކުރު ބައްޔަށް މަގުފަހިވާ ހިރާސްތައް ނުވަތަ އެކަމުގެ ނުރައްކަލަށް ހުށައެޅޭ ކަންތައްތައް ރާއްޖޭގައި ގިނަކަމާއި، އެފަދަ ކަންކަން ހުރި މިންވަރު މަތިކަން ފާހަގަކުރެވެއެވެ.

ހަކުރު ބަލީގެ އެންމެ އާއްމު 2 ވައްތަރަކީ ޓައިޕް 1 ޑައިބެޓީޒް އަދި ޓައިޕް 2 ޑައިބެޓީޒްއެވެ. މީގެ އިތުރުން ގެސްޓޭޝަނަލް ޑައިބެޓީޒް ނުވަތަ މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުން އެއީވެސް ހަކުރު ބަލީގެ ވައްތަރެކެވެ. މީގެތެރެއިން ޓައިޕް 1 ޑައިބެޓީޒަކީ އާއްމުކޮށް ކުޑަކުދިންނަށްޖެހޭ ހަކުރު ބަލީގެ ބާވަތެކެވެ. މިބާވަތުގެ ހަކުރުބަލިޖެހޭ ސަބަބެއް މުޅިން ހޯދިފައެއް ނުވެއެވެ. ޓައިޕް 2 ޑައިބެޓީޒް ޢާއްމުކޮށް ޖެހެނީ ބޮޑެތި މީހުންނަށް ކަމުގައިވިޔަސް، މިހާރަކަށް އައިސް ޅަޢުމުރުގައި މިބަލިޖެހޭ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.

ހަކުރު ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ކަރުހިއްކުން، އަދި ގިނައިން ކުޑަކަމުދާން ޖެހުން، މާގިނައިން ބަނޑުހައިވުން، ބަރުދަން ލުއިވުން ނުވަތަ ފަލަވުން، ވަރުބަލިވުން އަދި ލޯ ފުސްވުން ހިމެނެއެވެ. ޢާއްމުގޮތެއްގައި ޓައިޕް 1 ހަކުރުބަލީގައި ގިނަފަހަރަށް މި ޢަލާމާތްތައް ފެންނަނީ ކުއްލިގޮތަކަށެވެ. މީގެ އިތުރުން ބަނޑުގައި ރިއްސުމާއި ހޮޑުލުން ފަދަ ޢަލާމާތްތައްވެސް ފެނުން އެކަށީގެންވެއެވެ. ޓައިޕް 2 ހަކުރުބަލީގެ ޢަލާމަތްތައް ފާހަގަކުރެވެނީ މަދުން އަދި ގިނަ ދުވަހުންނެވެ. އެހެންކަމުން ޓައިޕް 2 ހަކުރުބަލި ހުންނަ މީހުންގެ ބަލި ހުރިކަން ދެނެގަތުމަށް ބައެއް ފަހަރު އެތައް އަހަރުތަކެއް ހޭދަވެއެވެ.

ހަކުރު ބަލިޖެހި، އެކަށީގެންވާ ފަރުވާ ނުކުރެވި ގިނަ ދުވަސްވާނަމަ، ހިތާއި، ލޭހޮޅިތަކާއި، ލޮލާއި، ކިޑްނީ އަދި ނާރުތަކަށްވެސް ގެއްލުން ލިބުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން ބަލީގެ ކުރީކޮޅު ބަލިހުރިކަން ދެނެގަނެ، އެކަށީގެންވާ ފަރުވާ ލިބިގަތުމަކީ ބަލީގެ ނުރައްކާ ކުޑަވެ، އޭގެ ސަބަބުން އެހެން ގުނަވަންތަކަށް ނުރަނގަޅު އަސަރުކުރުން ކުޑަކުރެވޭ ކަމެކެވެ. މިބަލީގެ ފަރުވާއަކީ ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅު މިނެއްގައި ބެހެއްޓުމާއި، ހިތާއި، ލޭހޮޅިތަކަށް ގެއްލުންދޭ އެހެނިހެން ނުރައްކާތައް ކުޑަކުރުމެވެ. ލޭގެ ހަކުރު ހުންނަ މިންވަރު ވަކި މިނެއްގައި ބެހެއްޓުމަށްޓަކައި ޓައިޕް 1 ހުންނަ މީހުންނަށް އިންސިއުލިން އަދި ޓައިޕް 2 ހުންނަ މީހުންނަށް އިންސިއުލިންއާއި ބޭސް ދެވެއެވެ. މި ބޭސް ނުވަތަ އިންސިއުލިން ޤަވާއިދުން ބޭނުންކޮށް ލޭގައި ހަކުރު ހުންނަ މިންވަރު ޤަވާއިދުން ޗެކްކޮށް ހެދުމަކީ މުހިއްމު ކަމެކެވެ.

އެހެންކަމުން ޢާއްމު ދިރިއުޅުމުގައި ހެލިފެލިވެ، ޙަރަކާތްތެރިވެ، ކަސްރަތުކުރުމާއި، ރަނގަޅު ކާނާ ކެއުމާއި، ދުންފަތާއި ދުންފަތުގެ ދުމުން ރައްކާތެރިވުމަކީ ހަކުރު ބަލިޖެހުމުން ރައްކާތެރިވުމަށާއި، އަދި ބަލިޖެހުމުން އިތުރަށް ދިމާވާ ޞިއްޙީ މައްސަލަތަކުން ސަލާމަތްވުމަށް މުހިއްމު ކަމެކެވެ.