ޚަބަރު

ހުޅުމާލެ ފޭސް 2ގެ ބަންދުކޮށްފައިވާ ސަރަޙައްދަށް ވަނުން މަނާކޮށްފި


  • ވަނުން މަނާކުރި ސަރަޙައްދަކީ ޢާންމުކޮށް ހުޅުވާލާފައިވާ ތަނެއް ނޫން

  • މަނާކުރީ އެއީ ކޮންސްޓްރަކްޝަން ސައިޓަކަށްވުމުން

  • މަސައްކަތް ކުރާ ފަރާތްތަކުން މަދިރިން ރައްކާތެރިވުމަށް އިލްތިމާސްކުރޭ

ހުޅުމާލެ ފޭސް ދޭއްގެ ބަންދުކޮށްފައިވާ ސަރަޙައްދަށް ހުއްދަ ނެތި ވަނުން މަނާކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައްގިނަވެ ހުޅުމާލޭގައިވެސް އާދަޔާ ޚިލާފަށް މަދިރި ގިނަވެފައިވާ ދުވަސްވަރެއްކަމަށާއި، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސިއްހީ ޚިދުމަތްތެރިން އިލްތިމާސްކުރަމުންދާ ކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބަންދުކޮށްފައިވާ ސަރަޙައްދަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރިއަށްދާ ސަރަހައްދަކަށްވެފައި، ބޮޑެތި ގަސްތައް ވެސް ހުންނަ ސަރަހައްދަކަށްވުމުން އެ ސަރަހައްދުގައި މަދިރި އާލާވުމަކީ އެކަށީގެންވާ ކަމަށްވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

އެޗްޑީސީން ވަނީ އެ ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭ ފޭސް ދޭއްގެ ބަންދުކޮށްފައިވާ ސަރަހައްދަކީ ޢާންމުންނަށް ހުޅުވާލެވިފައިވާ ސަރަހައްދެއް ނޫންނަމަވެސް، އެސަރަހައްދަށް މަދުންނަމަވެސް ޢާންމުން ވަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތަކުރާރުކޮށް އެކި ފަހަރުމަތިން އެ ސަރަހައްދަށް ނުވަނުމަށް އިލްތިމާސްކޮށްފައިވާ ކަންވެސް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.

މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ނައްތާލާފައިވާ ބައްޔެއްކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް އަނެއްކާވެސް ފެންނަން ފެށުމުން މަދިރި ނައްތާލުމަށް ގިނަ ހަރަކަތްތަކެއް ކަމާ ކުޅުންހުރި ފަރާތްތަކައި ކުންފުނިތަކުން އަންނަނީ ކުރަމުންނެވެ.

މަދިރީގެ ޒަރީއްޔާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް މަދިރި އުފެދޭ ތަންތަނާއި ތަކެތި ނައްތާލުންމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސިއްޙީ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.