ޚަބަރު

15،000 ހައުސިންގ ޔުނިޓް އިމާރާތްކުރަން މިމަހު ހަވާލުކުރާނެ


މިމަހުގެ ތެރޭގައި އިތުރު 15،000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް ބޭރުގެ 7 ކުންފުންޏަކާއި ޙަވާލުކުރުމަށް އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 15،000 ހައުސިންގ ޔުނިޓުގެ މަސައްކަތްތައް ކުރުމަށް ބޭރުގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތައް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި ޗައިނާއާއި ތުރުކީ ވިލާތުގެ ބޮޑެތި ކުންފުނިތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ޔާމިން ވިދާޅުވީ، މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރުމަށް ބޭރުގެ 7 ކުންފުންޏަކާއި މިމަހުގެ ތެރޭ ހަވާލުކުރެއްވޭނެ ކަމަށާއި، މި 7 ފަރާތުން، މި މަސައްކަތް ކުރާނެކަމާއި ފައިސާގެ ޔަގީންކަން އެކުންފުނިތަކުން ސަރުކާރަށް ދީފައިވަކަމަށެވެ. މި 7 ކުންފުންޏާވެސް މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ 2018 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާގޮތަށްކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލެއާއި އަތޮޅުތަކުގައިވެސް ސަރުކާރުން ދަނީ ހައުސިންގ ޔުނިޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މީގެ ތެރޭގައި ސަރުކާރުގެ އަމިއްލަ ބަޖެޓުން ޚަރަދުކުރައްވައިގެން ޢިމާރާތްކުރައްވާ ހައުސިންގ ޔުނިޓްތަކާއި، ރިއަލް-އެސްޓޭޓް އުޞޫލުން ބޭރުގެ ކުންފުނިތަކާއި، އަމިއްލަ ބައެއް ކުންފުނިތަކާއި ޙަވާލުކޮށްގެން ޢިމާރާތްކުރައްވާ ހައުސިންގ ޔުނިޓްތައްވެސް ހިމެނެއެވެ.