ރިޕޯޓް

އެއަރޕޯޓް ތަރައްޤީކުރުން - ރާއްޖޭގެ އިޤްތިޞާދަށް އާ އުއްމީދެއް


2018 ވަނަ އަހަރުގެ ނިޔަލަށް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިތަން ވެގެންދާނީ މުޅި މި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ޒަމާނީ ފެންވަރުގެ އެއަރޕޯޓަކަށްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

މި މަޝްރޫޢާއެކު މިހާރު ބޭނުންކުރަމުންދާ އެއަރޕޯޓަށް 30 އިންސައްތައިގެ ޖާގަ އިތުރުކުރެވި، އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވަޢުދަކީ އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް "ވޯލްޑް ކްލާސް" ފެންވަރުގައި ތަރައްޤީކުރެއްވުމެވެ. މި ވަޢުދު ފުއްދެވުމަށްޓަކައި، 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަނީ ސޮއިކުރައްވާފައެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ 800 މިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރު ޗައިނާ ސަރުކާރުންގެ ފަރާތުން ލުއިލޯނުގެ ގޮތުގައި ސަރުކާރަށް ވަނީ ދެއްވާފައެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއަކީ މިދާއިރާއިން ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ވަރަށްވެސް ކާމިޔާބު ކުންފުންޏެކެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި، މި ކުންފުނީގެ ޓީމުން ރާއްޖޭގައި މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އެއަރޕޯޓުގައި އާ ރަންވޭއެއް ހެދުމާއި، ފިޔުލް ފާރމްއެއް ތަރައްޤީކުރުން އަދި ކާގޯ ކޮމްޕްލެކްސްއެއް އެޅުން ހިމެނެއެވެ.

އެގޮތުން މި ފިޔަވަހީގެ ދަށުން ފުރަތަމަ ކުރުމަށް ހަމަޖެހިފައިވަނީ އާ ރަންވޭ އެއް އެޅުމުގެ މަސައްކަތެވެ. އާ ރަންވޭ އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި، ޝޯ-ޕްރޮޑެކްޝަންގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. ބިންހިއްކުމުގެ މަސައްކަތް ނިމުމާއެކު، އާ ރަންވޭ އެޅުމުގެ މަސައްކަތް ފެށިގެންދާނެއެވެ. މިއީ، ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ރަންވޭއެކެވެ. މި ރަންވޭ ތަރައްޤީކުރެވިގެން ދާނީ ދުނިޔޭގައި ބޭނުންކުރެވޭ އެންމެ ބޮޑެތި މަތިންދާބޯޓް ކަމުގައިވާ އޭ ތްރީ އެއިޓީގެ ބޯޓްފަހަރަށް ޖެއްސޭ ފެންވަރަށެވެ. މި ރަންވޭ ހަދައި މިހާރު އެއަރޕޯޓްގައި އޮތް ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރުމުން، މިހާރު އެއަރޕޯޓަށް ބޯޓްފަހަރު ޖައްސަން ޖާގަ ނުލިބުމާއި ފުލައިޓް ޑީލޭވުމުގެ މައްސަލައާއި އަދި ޕާކްކުރާނެ ޖާގަނެތުމުގެ މައްސަލަ މުޅިން ޙައްލުވެގެންދާނެއެވެ. އާ ރަންވޭއާއެކު އިތުރު ޓެކްސީވޭތަކާއި، އޭޕްރަންތައްވެސް ތަރައްޤީކުރެވިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ އަނެއް މަސައްކަތަކީ ޒަމާނީ ކާގޯ ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތެވެ. މިތަން ވެގެންދާނީ މިހާރު ބޭނުންކުރަމުންދާ ކާގޯ އޭރިޔާއަށްވުރެ 3 ގުނަ ބޮޑު ތަނަކަށެވެ. މިތަނުގެ މަސައްކަތް ނިމުމުން މަތިންދާބޯޓްތަކުން ބާލާ އަދި އަރުވާ ކާގޯގެ ކަންކަންވެސް އެންމެ ޒަމާނީ ފެންވަރަށް އަވަސް ދުވެލީގައި ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި މިތަނުގައި މުދާ ގުދަންކުރުމާއި، އެއްތަނުން އަނެއްތަނަށް މުދާ އުފުލުމުގައި ސަލާމަތީގޮތުން ރައްކާތެރި އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކުރެވޭނެއެވެ. މި ކާގޯ ކޮމްޕްލެކްސްއާއެކު އިތުރު 2 ޖެޓީވެސް ހެދުމަށްވަނީ ހަމަޖެހިފައެވެ. މި ދެ ޖެޓީ ހެދިގެންދާނީ ފަސޭހަކަމާއެކު މުދާ ލޯޑުކޮށް، އަންލޯޑްކުރެވޭނެ ވަސީލަތްތަކާއެކުގައެވެ.

އެއަރޕޯޓްގެ ފިއުލްފާރމް ތަރައްޤީކުރުމަކީވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ މުހިއްމު މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން މިހާރު ހުރި މިންވަރަށްވުރެ ތިންގުނަ އިތުރު ޢަދަދަކަށް ތެޔޮ ރައްކާކުރުމުގެ އިންތިޒާމް އެއަރޕޯޓުގައި ހަމަޖެހިގެންދާނެއެވެ. އެގޮތުން މިތަނުގައި ތަރައްޤީކުރާ އިމާރާތްތަކާއި، ސްޓްރަކްޗަރތަކުގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު، 15،000 ކިއުބިކް މީޓަރުގެ އޭވިއޭޝަން ފިއުލް ރައްކާކުރެވޭނެ 3 ޓޭންކް ހެދިގެންދާނެއެވެ. އަދި 500 ކިއުބިކް މީޓަރުގެ ޑީސެލް ރައްކާކުރެވޭނެ 2 ޓޭންކާއި، 50 ކިއުބިކް މީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެ 2 ޓޭންކް ޤާއިމުކުރެވިގެންދާނެއެވެ. ހަމައެހެންމެ މިހާރު މަތިންބޯޓަށް ތެޔޮއެޅުމަށް ތެޔޮވެހިކަލެއް ރަންވޭމައްޗަށް ގެންގޮސް މެނުއަލްކޮށް ކުރެވޭ މަސައްކަތްތައް ހުއްޓާލެވި، އަލަށް ޤާއިމްކުރެވޭ ހައިޑްރަން ސިސްޓަމްގެ ތެރެއިން، ހަމައެކަނި މަތިންދާބޯޓް ކައިރިން ހޮޅިއެއް ގުޅާލައިގެން ތެޔޮއެޅޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. މިއީ ކުރިޔަށް އޮތް 20 އަހަރުދުވަހުގެ މުއްދަތަށް ބަލާއިރުވެސް ދަތިކަމެއް ނެތި ޚިދުމަތްދެވޭވަރަށް ޤާއިމްކުރެވޭ ފިއުލް ފާރމެކެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް 2018 ގައި ނިންމުމަށް ކަނޑައެޅިފައިވާއިރު، މި ހިނގާ 2016 ވަނަ އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.