ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފް މޮންޓަނޭގްރޯގެ ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އެލެކްސާ ބެޗިޗްއާ މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު މޮންޓަނޭގްރޯއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ މޮންޓަނޭގްރޯއަށް ވަޑައިގެންނެވުމަށް އެމަނިކުފާނަށް ދެއްވި ދަޢުވަތަށާއި ކިޔުއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ކުދި ޤައުމުތަކުން، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެއްބާރުލުން ދިނުމަކީ ދެފަރާތަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއްކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީއަށް، މަރުޙަބާ ވިދާޅުވެފައެވެ. އަދި، ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް ބޭނުންފުޅުވާކަންވެސް ހާމަކުރެއްވިއެވެ. މީގެ އިތުރުން މޮންޓަނޭގްރޯގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށް ވުން އަވަސް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އެލެކްސާ ބެޗިޗް ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ބެޗިޗްއާ ހިއްސާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލަރޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޮންޓަނޭގްރޯގެ މަޖިލިސްކުރާގެއަށް ޒިޔާރަތްކުރައްވައި މަޖިލީހުގެ ރައީސާއާ ބައްދަލުކުރައްވާފައެވެ. މިބައްދަލަކުރެއްވުމުގައި މަޖިލީހުގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ދެހަރު ވަންދެން ރާއްޖޭގެ މަޖިލީހުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި، މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެފައެވެ. އަދި، ރާއްޖެއާއި މޮންޓަނޭގްރޯ އާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ދެޤައުމުން ޝައުޤުވެރިކަން ހުރި ދާއިރާތަކާމެދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯގެ ސަރުކާރުގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މޮންޓަނޭގްރޯގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.