ޚަބަރު

ސްކޫލް ބަންދާ ދިމާކޮށް ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފަށްޓަވައިފި


  • މާލޭގެ މަގުތަކުގައި އާންމުކޮށް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވާނެ

  • މާލޭގެ އެކި ހިސާބުތަކުގައި ވިސީޕީ ޖަހައިގެން މިހާރަށް ވުރެ ބޮޑަށް މަގުތައް މޮނީޓަރ ކުރާނެ

  • މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމާ ގުޅޭ މައުލޫމާތު ދޭނެ

ސްކޫލް ބަންދާ ދިމާކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިއީ ސްކޫލު ބަންދު އޭގެ އެންމެ ފުރިހަމަ މާނައިގައި ރައްޔިތުންނަށް އިހުސާސްކޮށްދިނުމާއި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމާއި އަދި އާންމު ރައްޔިތުންނާއި ފުލުހުންނާ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. މިއޮޕަރޭޝަންގައި، މާލޭގެ މަގުތަކުގައި އާންމުކޮށް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވާނެ ކަމަށާއި މާލޭގެ މަގުތަކުގައި މީހުން އެންމެ ގިނަވާ ވަގުތުތަކުގައާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކާއި މާލޭގެ މަގުތައް އެންމެ އަމާންވާ ވަގުތުތަކުގައި ޚާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މާލޭގެ އެކި ހިސާބުތަކުގައި ވިސީޕީ ޖަހައިގެން މިހާރަށް ވުރެ ބޮޑަށް މަގުތައް މޮނީޓަރ ކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ޚިދުމަތުން ވިދާޅުވެއެވެ.

ފުލުހުންގެ މިއޮޕަރޭޝަންގައި ކަނޑު އުޅަނދުފަހަރު ބަލައި ފާސްކުރުމާއި ގަވާއިދާ ޚިލާފަށް މުދަލާއި މީހުން އަރުވައިގެން އުޅަނދު ނުދުއްވުމަށް ނަސޭހަތްތެރިވެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ފުލުހުން ޚިދުމަތުން ވިދާޅުވީ މިއޮޕަރޭޝަން ކުރިއަށްދާއިރު ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ޗެކުކުރުމާއި އެއްގަމު އުޅަނދުތަކުގެ ހާލަތު ބެލުމާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ދުއްވާ އުޅަނދުތައް ދެނެގަނެ އެކަން ވަކި ތަރުތީބެއްގެ ތެރެއިން ކުރިއަށް ގެންދެވޭގޮތަށް މަސައްކަތްތައް ބައްޓަން ކުރައްވާނެ ކަމަށެވެ. އަދި އަތޮޅު ތެރެއިން މާލެ އަންނަ މީހުންނާއި މާލެއިން ފުރާ މީހުން ފުރަންދާ ވަގުތުތަކުގައި މަގުތައް ބާރުބޮޑުވާނެކަމަށް ބެލެވޭތީ މީހުންނަށް ދަތިނުވާނެ ގޮތަށް ސަމާލުކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެމުން ދާނެކަމަށް ވެސް ފުލުހުން ޚިދުމަތުން ވިދާޅުވެއެވެ.

އަދި އަވައްޓެރި ފުލުހުން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާއެކު ކުށުގެ ވެށިން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައްތަކާއި ޚާއްސަ ގޮތެއްގައި ޗުއްޓީއަށް ފުރައިގެން ދާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް އޮޅުންފިލުވައިދެއްވަމުން ގެންދަވާނެ ކަމަށް ވެސް ފުލުހުން ޚިދުމަތުން ވިދާޅުވެއެވެ.
ފުލުހުންވަނީ ފުރައިގެން ދާއިރު ގެ ރަނގަޅަށް ތަޅުލެވިފަތޯ ޔަގީން ކުރުމުށާއި ދިގު މުއްދަތަކަށް ފުރައިގެންދާނަމަ އިތުބާރުކުރެވޭ މީހަކާ ގޭގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރުމަށާއި ގޭތެރެ އެއްކޮށް އަނދިރިކޮށްފައި ނުބެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ޗުއްޓީ ދުވަސްވަރު އާއިލާތަކުން އުފާވެރި ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ އެކި ދިމާތަކަށް ދަތުރު ދިއުންފަދަ ކަންކަން ކުރާއިރު އަގުބޮޑެތި މުދާ ގެންދާނަމަ އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތައް އިންތިޒާމު ކުރެއްވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށާއި ބޭރު ފައިސާ ގަނެވިއްކުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މަޢުލޫމާތުދެއްވާނެއެވެ.

ސްކޫލްތައް ހުޅުވުމާ ހަމައަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ފުލުހުންގެ މަސައްކަތަށް ހުރަސްއެޅޭނެ ފަދަ ކަންކަން ނުކުރުމަށާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ގޮތަށް ރައްޔިތުންގެ އަމަލުތައް ބެހެއްޓުމަށް ފުލުހުންގެ ޚިދުމަތުންވަނީ އިލްތިމާސްކުރައްވާފައެވެ.