ޚަބަރު

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގޭ ލިމިޓް 1200 އަށް ސަރުކާރުން އިތުރުކުރައްވައިފި


  • މިހާރު ދަރިވަރުންނަށް މަހެއްގެ މައްޗަށް ނެގެނީ 750 ޑޮލަރު

  • ފެބުރުއަރީ 1ވަނަ ދުވަހުން ފެށިގެން މިލިމިޓުވަނީ 1200އަށް އިތުރުކުރައްވާފައި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގޭ ލިމިޓް އިތުރުކޮށްފިއެވެ. މިގޮތަށް ނިންމަވާފައިވަނީ ވަޒީރުގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ފެބުރުއަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ޑެބިޑް އަދި ކްރެޑިޓް ކާޑުގެ ޑޮލަރު ނެގޭ ލިމިޓް 1200އާ ހަމައަށް އިތުރުކުރުމަށް ރައީސް ނިންމަވާފައިވާކަމަށެވެ.

މިހާރު އޮންނަގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހެއްގެ މައްޗަށް ނެގެނީ 750 ޑޮލަރެވެ.

މިކަން ތަންފީޒްކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީއާއި އަދި ބީއެމްއެލްއިން އެމަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.