އިންޑިޔާގެ އައްސޭރިފަށުގެ ސަރަޙައްދުން ދަތުރު ކުރަމުން ދިޔަ ކެމިކަލް އުފުލާ ޓޭންކަރަކަށް ޙަމަލަ ދީފައި ވަނީ އީރާނުން ކަމަށް އެމެރިކާއިން ތުހުމަތު ކޮށްފިއެވެ. 'އެމް.ވީ ކެމް ޕްލޫޓޯ'ގެ ނަން ދީފައިވާ އުޅަނދަށް ޙަމަލަ ދީފައި ވަނީ އިންޑިޔާގެ ހުޅަނގުދެކުނުގައި އޮންނަ ވޭރާވަލްގެ އައްސޭރިފަށާ 200 ވަރަކަށް ކިލޯމީޓަރު ދުރުން ދަތުރު ކުރަނިކޮށެވެ. އެ އުޅަނދަށް ޙަމަލަ ދީފައި ވަނީ އަސްކަރީ ޑްރޯނެއް ބޭނުން ކޮށްގެންނެވެ.
އެ އުޅަނދަށް ޙަމަލަދީފައި ވަނީ އީރާނުން ކަމަށާއި، ޙަމަލާގައި ބޭނުން ކޮށްފައި ވަނީ އީރާނުން އުފައްދާފައިވާ ޑްރޯނެއް ކަމުގައި އެމެރިކާގެ ދިފާޢީ އިދާރާ - ޕެންޓެގަނުން ތުހުމަތު ކުރެއެވެ. ކެމް ޕްލޫޓޯއަކީ ޒަޔަނިސްޓު އިސްރާއީލާ ގުޅުން އޮންނަ އުޅަނދެއް ކަމަށް ބެލެވޭއިރު، ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާޢަތުން ވަނީ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓު ފަހަރަށް ޙަމަލަދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި، ރަތް ކަނޑުން ދަތުރު ކުރާ އުޅަނދުތަކަށް އެ ޖަމާޢަތުން ވަނީ ޙަމަލަދޭން ފަށާފައެވެ.
ޕެންޓެގަންގެ ތަރުޖަމާނު ވިދާޅުވީ ކެމް ޕްލޫޓޯއަކީ ލައިބީރިޔާގެ ދިދައިގެ ދަށުން ދަތުރުކުރާ ޖަޕާނުގެ އުޅަނދެއް ކަމުގައެވެ. އަދި، އެ އުޅަނދު އޮޕަރޭޓް ކުރަނީ ނެދަރލެންޑްސްގެ ކުންފުންޏަކުން ކަމުގައި ވެސް ޕެންޓެގަނުން ބުނެއެވެ. އެ އުޅަނދަށް ޙަމަލަދިނުމާ ގުޅިގެން އޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގައި އިންޑިޔާގެ އަސްކަރިއްޔާއިން ބުންޏެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.
މި ޙަމަލައާ ގުޅިގެން ކަނޑު ދަތުރުފަތުރުގެ ވިއުގައަށް ނުރައްކާ އިތުރުވެފައިވާ މިންވަރު ހާމަވެގެންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މިއީ، ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން ދީފައިވާ ޙަމަލައެއް ކަމަށް ބެލެވެއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 20,000 އަށް އުފުލިފައެވެ.
ޕެންޓެގަނުން ބުނީ، މިއީ 2021 ވަނަ އަހަރަށް ފަހު ކަނޑު ދަތުރުފަތުރު ކުރާ އުޅަނދަކަށް އީރާނުން ޙަމަލަ ދީފައިވާ ހަތް ވަނަ ފަހަރު ކަމުގައެވެ. ނަމަވެސް، އީރާނުން މި ޙަމަލާގެ ޒިންމާ އުފުލާފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ރަތް ކަނޑުގައި ދަތުރުކުރާ އާގުބޯޓުފަހަރަށް ހޫޘީން ޙަމަލަދޭން ފެށުމާ ގުޅިގެން، އެ އުޅަނދުފަހަރަށް ހިމާޔަތާއި ރައްކާތެރި ކަން ފޯރު ކޮށްދޭން އެމެރިކާއިން އިސްވެ މަސައްކަތްތަކެއް ފަށާފައިވީ ނަމަވެސް، އެ މަސައްކަތްތަކުން އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.