ޚަބަރު

ލަމްހާ އަލުން ޖަލަށް ބަދަލުކޮށްފި


  • ލަމްހާ އަލުން ޖަލަށް ބަދަލު ކުރީ ހައި ކޯޓުގެ އަމުރަކަށް

  • ލަމްހާ ގެޔައް ބަދަލު ކުރީ ސިއްޙި ސަބަބުންކަމަށް ބުނެފައިވޭ

  • ލަމްހާގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދަޢުވާ ލިބޭ ހަލީމަތު ލަމްހާ އަލުން ޖަލަށް ބަދަލުކޮށްފިއެވެ.

ލަމްހާގެ ބަލި ހާލަތަށް ރިއާޔަތް ކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ލަމްހާ ދޫކޮށްލި ގޮތާމެދު ހިތްހަމަ ނުޖެހިގެން ދައުލަތުން މި މައްސަލަ އިސްތިއުނާފް ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މި މަހުގެ 20 ވަނަ ދުވަހު ކުރެއްވި ޙުކުމުގައި ވަނީ ލަމްހާ ބަންދުން ދޫކޮށްލަން ދަށު ކޯޓުން ކުރި ހުކުމް ބާތިލުކޮށްފައެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ދަށު ކޯޓުން ކުރި އަމުރު ދެމިއޮތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވީ ހައިކޯޓުގެ ޢަމުރާއި ގުޅިގެން ލަމްހާ މިހާރު ޖަލަށް ބަދަލުކޮށްފައިވާކަމަށެވެ.

މޭރީ ގްރޭސް މަރުވެފައި އޮއްވާ ފެނުނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ހޮސްޕިޓަލަށް އޭނާ ގެންދިޔައީ ދަންޖެހި މަރުވުމުގެ ސަބަބުން ކަމަށް މޭރީގެ ފިރިމީހާ މާވިން އޭރު ބުނެފައިވެއެވެ. ނަމަވެސް މޭރީގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުން މޭރީ މަރާލާފައިވާކަމަށްވަނީ ހާމަވެފައެވެ. އަދި މޭރީ މަރާލުމުގައި އޭނާގެ ފިރިމީހާ އާއި ހަލީމަތު ލަމްހާ، ބައިވެރިވެފައިވާކަންވަނީ ހާމަވެފައެވެ.

ދައުލަތުން ލަމްހާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މޭރީ މަރާލުމުގައި، އޭނާގެ ފިރިމީހާ މާވިންއަށް ލަމްހާ އެހީތެރިވެފައިވުން ހިމެނެއެވެ. އަދި މޭރީ މަރުވީ ދަންޖެހިގެންކަން ދައްކަން ވެގެން "ސީން"އެއް ހެދިކަމަށް ވެސް ދައުލަތުން ތުހުމަތު ކުރެއެވެ. ހަމައެހެންމެ، މޭރީގެ މަރަށްފަހު ހެދި ޓެސްޓްތަކުން، ބާރުގަދަ އިންޖެކްޝަންތަކެއްގެ އަސަރު އޭނާގެ ލެއިން ފެނިފައިވާއިރު، މޭރީ ގަޔަށް ޖެހި ކަމަށް ފެންނަ އިންޖެކްޝަންތައް ލަމްހާގެ ގެއިން ފެނިފައިވާ ކަމަށް ވެސް ދައުލަތުން ވިދާޅުވެއެވެ.

މި މައްސަލައިގައި ލަމްހާގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ މޭރީ މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާއެވެ. އޭގެ އިތުރަށް އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެއެވެ.