ޚަބަރު

އިންޑިޔާ ކަނޑުގައި ދަތުރުކުރަމުން ދިޔަ ޔަހޫދީންގެ އާގުބޯޓަކަށް ޙަމަލަދީފި


އިންޑިޔާ ކަނޑުގައި ދަތުރު ކުރަމުން ދިޔަ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓަކަށް ޑްރޯން ޙަމަލައެއް ދީފިއެވެ. މި ކަން ހާމަ ކޮށްފައި ވަނީ ކަނޑު އުޅަނދުފަހަރަށް ހިމާޔަތާއި ރައްކާތެރި ކަން ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ އެމްބްރީންނެވެ. އާގުބޯޓަށް ޙަމަލަ ދީފައި ވަނީ އިންޑިޔާގެ ހުޅަނގު ފަރާތު އައްސޭރިފަށުން ދަތުރު ކުރަމުން ދަނިކޮށެވެ.

މިއީ، ޔަހޫދީ ޔަހޫދީންނާ ގުޅުން އޮތް އުޅަނދެއް ރަތް ކަނޑުން ބޭރުން ދަތުރު ކުރަމުން ދަނިކޮށް މި ފަދަ ޙަމަލައެއް ދީފައިވާ ފުރަތަމަ ފަހަރު ކަން ފާހަގަ ކޮަށްލަން ޖެހެއެވެ. ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ބަދަލު ހިފުމުގެ ގޮތުން ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ޖަމާޢަތުން ދަނީ ރަތް ކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރަށް ޑްރޯނާއި މިސައިލް ބޭނުން ކޮށްގެން ޙަމަލަ ދެމުންނެވެ.

އިންޑިޔާ ކަނޑުން ދަތުރު ކުރަނިކޮށް ޙަމަލަދީފައިވާ ޔަހޫދީންގެ އުޅަނދަކީ ލައިބީރިޔާގެ ދިދައިގެ ދަށުން ދަތުރު ކުރާ އުޅަނދެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ޑްރޯނެއް ބޭނުން ކޮށްގެން އެ އުޅަނދަށް ދީފައިވާ ޙަމަލާގައި، އުޅަނދުގައި އަލިފާން ރޯވިއެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމަށާއި، އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެ އުޅަނދަށް ޙަމަލަ ދީފައި ވަނީ އިންޑިޔާގެ ހުޅަނގުދެކުނުގައި އޮންނަ ވޭރާވަލްގެ އައްސޭރިފަށާ 200 ވަރަކަށް ކިލޯމީޓަރު ދުރުން ދަތުރު ކުރަނިކޮށެވެ.

އެ އުޅަނދަށް ޙަމަލަދޭން ބޭނުން ކޮށްފައި ވަނީ އީރާނުން އުފައްދާފައިވާ ޑްރޯނެއް ކަމަށް އެމްބްރީން ތުހުމަތު ކުރެއެވެ. އެ އުޅަނދަށް ދިން ޙަމަލައާ ގުޅިގެން އިންޑިޔާގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، އެ ސަރަޙައްދަށް އިންޑިޔާގެ އަސްކަރީ މަނަވަރެއް ފޮނުވާފައިވާ ކަމުގައި އިންޑިޔާއިން ބުންޏެވެ.

އިންޑިޔާގެ ނޫހެއް ކަމުގައިވާ އޭއެންއައިން ބުނީ، ޙަމަލާ ދީފައި ވަނީ އެމް.ވީ ޗެމް ޕްލޫޓޯގެ ނަން ދީފައިވާ އުޅަނދަކަށް ކަމުގައެވެ. އަދި، ސަޢޫދީ ޢަރަބިއްޔާއިން ތެޔޮ ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ އުޅަނދެއް ކަމަށާއި، އެ އުޅަނދުގައި އިންޑިޔާގެ 20 ފަޅުވެރިން ތިބި ކަމުގައި ވެސް އޭ.އެން.އައިން ބުންޏެވެ. ޙަމަލަ ދިން ވަގުތު ބޯޓު ދަތުރު ކުރަމުން ގޮސްފައި ވަނީ އިންޑިޔާގެ ދެކުނުގައިވާ މަންގްލޯރުގެ ބަނދަރަށެވެ.