ޚަބަރު

ހޫޘީންގެ ޙަމަލާތަކުގެ ސަބަބުން ވިޔަފާރިމުދާ އުފުލުމަށް ބޮޑެތި ގޮންޖެހުންތަކެއް


ރަތް ކަނޑުގައި ދަތުރުކުރާ އާގުބޯޓުފަހަރަށް ހޫޘީ ޖަމާޢަތުން ދެމުންދާ ޙަމަލަތަކާ ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި ކަނޑުމަގުން ވިޔަފާރިމުދާ އުފުލުމުގެ ޚިދުމަތްދޭ ކުންފުނިތަކުން ހާމަކޮށްފިއެވެ. ރަތް ކަނޑުގައި ދަތުރު ކުރާ އާގުބޯޓުފަހަރަށް ހޫޘީ ޖަމާޢަތުން ޙަމަލަދޭން ފަށާފައި ވަނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ބަދަލުހިފުމުގެ ގޮތުންނެވެ. ޙަމަލަތައް އަމާޒު ކޮށްފައި ވަނީ އިސްރާއީލަށް މުދާ ގެންދާ ބޯޓުފަހަރަށް ކަމުގައި ހޫޘީން ބުނެއެވެ.

ހޫޘީންގެ ޙަމަލަތަކާ ގުޅިގެން، މުދާ އުފުލުމުގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކުން ވަނީ ރަތް ކަނޑު މަގުން ދަތުރު ކުރުން ހުއްޓައިލާފައެވެ. އަދި، ގިނަ އާގުބޯޓުފަހަރު މިހާރު ދަތުރު ކުރަމުން ދަނީ އެފްރިކާ ބައްރުގެ ދެކުނު ތަނޑި ކައިރިންނެވެ. މިއީ، ރަތް ކަނޑުން ކުރާ ދަތުރާ އަޅައިކިޔާއިރު، ދިގު އަދި ޚަރަދު ބޮޑު ދަތުރެއް ކަމުގައި ކުންފުނިތަކުން ބުނެއެވެ. މިއާ އެކު، އޭޝިޔާ ބައްރުން ފުރައިގެން ވިލާތަށް ކުރާ ދަތުރުގެ ދިގުމިން ވަނީ 10 ނުވަތަ 14 ދުވަހަށް އިތުރުވެފައެވެ.

އެ ކުންފުނިތަކުން ބުނީ، އެފްރިކާގެ ބަނދަރުތަކުން އެންމެ އެކަށީގެންވާ ޚިދުމަތްތަކެއް ލިބެމުން ނުދާ ކަމުގައެވެ. އަދި، އެ ބަނދަރުތަކުން ތެޔޮ އެޅުމާއި، ބަންކަރިންގެ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމުގައި ކުންފުނިތަކުން ބުންޏެވެ. އަދި، ހޫޘީންގެ ޙަމަލަތަކާ ގުޅިގެން ތެލުގެ އަގު އުފުލި، އާގުބޯޓުފަހަރުން ކުރަން ޖެހޭ ޚަރަދުތައް ބޮޑުވެ، މުދާ އުފުލުގެ އަގު ބޮޑުވެފައިވާ ކަމުގައި ކުންފުނިތަކުން ބުނެއެވެ.

އެފްރިކާ ބައްރުގައި އާގުބޯޓުފަހަރަށް ޚިދުމަތްދެވޭ އޮންނަ އެންމެ ފާހަގަ ކޮށްލެވޭ ބަނދަރުތަކުގެ ތެރޭގައި ދެކުނު އެފްރިކާގެ ޑަރބަން ބަނދަރާއި، ކޭޕް ޓައުން އަދި އެންކަރރަރ ބަނދަރު ހިމެނެއެވެ. ނަމަވެސް، ވޯލްޑް ބެންކުން 2022 ވަނަ އަހަރު ނެރެފައިވާ ރިޕޯޓުތަކަށް ބަލާއިރު، އެއީ ޚިދުމަތުގެ ފެންވަރު އެންމެ ދަށް ބަނދަރުތަކުގެ ހިމެނޭ ބަނދަރުތަކެކެވެ. ޑަރބަންގެ ބަނދަރަކީ އެފްރިކާ ބައްރުގައި އޮންނަ އެންމެ ބޮޑު، އަދި އެންމެ ކުރިއަރާފައިވާ ބަނދަރު ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މީގެ އިތުރުން، ކެންޔާގެ މުމްބާސާގެ ބަނދަރާއި، ޓެންޒެނިޔާގެ ދާރް އަލް-ސަލާމް ބަނދަރަކީ ބޮޑެތި އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމަށް އެކަށީގެންވާ ބަނދަރުތަކެއް ނޫން ކަމުގައި ކުންފުނިތަކުގެ އިތުރުން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ވެސް ބުނެއެވެ.

ހޫޘީންގެ ޙަމަލަތަކުން އާގުބޯޑުފަހަރަށް ހިމާޔަތް ދިނުމަށް އެމެރިކާއިން އިސްނަގައިގެން މިހާރު ވަނީ އެ ސަރަޙައްދަށް މަނަވަރުގެ ލަޝްކަރެއް ފޮނުވާފައެވެ. އެމެރިކާއިން އެކުލަވައިލާފައިވާ ލަޝްކަރުގައި 10 ޤައުމަކުން ބައިވެރިވެއެވެ. މި ކަމާ ގުޅިގެން ހޫޘީން ވަނީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އަދި، ޔަމަނަށް ޙަމަލައެއް ދީފި ނަމަ، އެމެރިކާގެ މަނަވަރުތަކަށް ރައްދުގައި ޙަމަލަދޭނެ ކަމަށް ބުނެފައެވެ.