ޚަބަރު

ޖަލު ޙުކުމް ތަންފީޒުކުރާ ރައީސުންގެ އިނާޔަތްތައް އުނިކުރަނީ


ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިއިރު، ކުރައްވާފައިވާ ކުށެއްގެ ޖަލު ޙުކުމެއް ތަންފީޒުކުރެވޭ ޙާލަތުގައި އެބޭފުޅަކަށް ލިބިވަޑައިގަންނަވާ ޢިނާޔަތްތައް، ކަނޑާލެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ. މި އިޞްލާޙު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އިސްލާހާއި ދެކޮޅަށް 23 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދު ހުށައެޅުއްވި އިޞްލާޙުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވިއިރު، އެބޭފުޅަކު ކުރެއްވި ކުށަކަށް ޖަލުޙުކުމެއް ތަންފީޒްކުރައްވަން ޖެހިވަޑައިގެންފިނަމަ، އެހިސާބުން ފެށިގެން އެބޭފުޅަކަށާއި، އެ ބޭފުޅެއްގެ އަނބިކަނބަލުންނަށް އެޤާނޫގެ ދަށުން އެއްވެސް ރައްކާތެރިކަމަކާއި ޢިނާޔަތެއް ލިބިވަޑައިނުގަންނަވާނެކަމަށެވެ. 

މި އިޞްލާޙު ދިރާސާކުރެއްވީ ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވަމުން ކޮމިޓީގެ މުޤައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ މުޖުތަމަޢަށް ފައިދާހުރި، ރައްޔިތުން ބަލައިގަންނަ ބަޔަކަށް ވާންޖެހޭކަމަށެވެ. އެހެންކަމުން މި އިޞްލާޙަކީ ވެރިކަމުގެ ދައުރު ޤާނޫނު އަސާސީއާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން ގެންނަވާ އިޞްލާޙެއްކަމަށެވެ.

ކޮމިޓީގެ މި ރިޕޯޓަށް ބަހުސްކުރެއްވި ގިނަ މެމްބަރުން މި އިޞްލާހުގެ މުހިންކަމުގެ ފާހަގަކުރެއްވިއެވެ.

މިއަދު ފާސްކުރެއްވި އިޞްލާޙު ހުށައެޅުއްވި މަޤްޞަދުގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަކީ އަބަދުމެ ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާތީ، މަޤާމު އަދާކުރެއްވި ދުވަސްވަރާއި، މަޤާމުން އިސްތިޢުފާ ދެއްވުމަށްފަހުވެސް ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކަންކަމުން ބަރީއަވެގެންވާ އަދި ރައްޔިތުންނަށް ނަމޫނާ ބޭފުޅުންނަށް ވެވަޑައިގަންނަވަންޖެހޭތީ، އެކަން ކަށަވަރުކުރެއްވުމަށް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ޙިމާޔަތް ދިނުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ޖިނާޢީ ކުށެއް ކުރައްވަން ނުޖެހޭނެފަދަ ގޮތަކަށް ހަމަޖެއްސެވުމަށް ހުށައެޅުއްވި އިޞްލާޙެއް ކަމަށްވެސް، މި އިޞްލާޙުގައިވެއެވެ.