ޚަބަރު

ޖަޕާނުން ރާއްޖެއަށް 83 މިލިއަން ރުފިޔާގެ އެހީއެއް ދީފި


ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ޖަޕާނުން ރާއްޖެ 83 މިލިޔަންރުފިޔާ ދޭން ނިންމައިފިއެވެ. މިއަދު ދިވެހި ޚާރިޖިއްޔާގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

ރާއްޖެއަށް ކުރިމަތިވާ އެކި ކާރިޘާތަކާއި ބެހޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށާއި ކާރިސާޘާކުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި 83 މިލިޔަން ރުފިޔާގެ އެހީ ޖަޕާނުން ދިނުމަށް މި އެއްބަސްވުމުގެ ދަށުން ނިންމާފައިވާކަމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެނީޗީ ސުގަނޫމާ ވިދާޅުވިއެވެ.

މީގެ ތެރޭގައި ކާރިޘާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ހިންގާ މަޝްރޫއުތަކާއި އަރލީ ވޯނިންގް ސިސްޓަމްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ޚާރިޖިއްޔާ އިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖެއަށް މުހިއްމު އެއްބަސްވުމެއް ކަމަށެވެ.

" މި އެއްބަސްވުމުގެ ދަށުން ލިބޭ އެހީ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނޭ ކަމުގެ ޔަގީންކަން ޖަޕާނުގެ އެމްބެސެޑަރާއި ޖަޕާނުގެ ސަރުކާރަށް އަރުވަން. ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ޖަޕާނު ސަރުކާރާއި ޖަޕާނުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން. ރާއްޖެއިން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގައި ޖަޕާނުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ. އަދި، 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްޤައްޔޫމް ޖަޕާނަށް ކުރެއްވި ދަތުރުފުޅަށްފަހު، ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެފައިވޭ. މިއަހަރު ރާއްޖޭގައި ޖަޕާނުގެ އެމްބަސީ ހުޅުވުމުން ގުޅުންތައް އިތުރަށް ފުރިހަމަވެފައިވޭ." ދުންޔާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14599362542666.jpg|އެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ހާރިޖީ ވަޒީރު ދުންޔާ މައުމޫން އަދި ޖަޕާނުގެ އެމްބެސެޑަރ ކެނީޗީ / ފޮޓޯ: ޕީއެސްއެމް

ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ކެނީޗީ ސުގަނޫމާ ވިދާޅުވީ، ރާއްޖެ އާއި ޖަޕާނަކީ އެކި ކާރިޘާތައް ދިމާވާ ދެގައުމު ކަމަށާއި، ކާރިސާތަކުން ލިބޭ ގެއްލުންތައް ވީހާވެސް ކުޑަކުރުމަކީ އެގައުމުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އަދި، ރާއްޖެފަދަ ގައުމުތަކަށް މިފަދަ ކާރިޘާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގައި ޖަޕާނުން އަބަދުވެސް އެހީތެރިކަން ދޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

" މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރާ މަސައްކަތްތަކުގައި ޖަޕާނުން ދަނީ އިސް ދައުރެއް އަދާކުރަމުން. މިދިޔަ އަހަރު ސެންޑާއީގައި ބޭއްވި އދގެ ބައްދަލުވުމެއްގައި އަޅުގަނޑު ބައިވެރިވިން. މި ބައްދަލުވުމަކީ ކާރިޘާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބައިނަލްއަގްވާމީ ޕޮލިސީއެއް އެކުލަވާލުމަށް ބޭއްވި ބައްދަލުވުމެއް. މި ބައްދަލުވުމުގެ ސަބަބުން ސެންޑާއީ ޑެކްލަރޭޝަން އެކުލަވާލެވުނު، ކާރިޘާއިން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގޭނެ. މިކަމަށްޓަކައި ގިނަ ގައުމުތަކާއެކު އަޅުގަނޑުމެން މަސައްކަތްކުރަން ބޭނުންވޭ. މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާވާނޭ ކަމަށް އުންމީދުކުރަން." އެމްބެސެޑަރ ކެނީޗީ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޚާރިޖީ ވަޒީރު ދުންޔާ މައުމޫންއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ކެނީޗީ ސުގަނޫމާއެވެ.