ޚަބަރު

ކޮންގްރެސް އޮފް ޑިމޮކްރެޓިކްގައި ބައިވެރިވެޑައިގަތުމަށް ނައިބު ރައީސް މޮންޓެނީގްރޯއަށް


  • މި ދަތުރުފުޅަކީ މޮނެޓެނީގްރޯގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

  • މީ ނައިބު ރައީސް ރަސްމީބޭނުމަށް ރާއްޖެއިން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅަކީ މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރު ފުޅެކެވެ. މި ކޮންގްރެސް އޮންނާނީ މި ޑިސެންބަރު މަހު 24-26 އަށެވެ.

މި ކޮންގްރެސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅުދައްކަވަނީ، ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އަލެކްސާ ބެސިކްގެ ދަޢުވަތަކަށެވެ.

ދިވެހި ރާއްޖެއާއި މޮންޓަނީގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.

ނައިބު ރައީސް އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ދަތުރެއް ކުރައްވާފައިވަނީ ޗައިނާއަށެވެ. އެދަތުރުގެ ތެރެއިން ސްވިޒްލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ، "ހިއުމަން ރައިޓްސް 75"ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ޕެނަލް ޑިސްކަޝަން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.