ޚަބަރު

"ރަސްމާލެ ވާނީ ދިވެހިން ފަޚުރުވެރިވާފަދަ ޒަމާނީ ޝަހަރަކަށް"


  • މިތަން ވަނީ ފެހިކަންގަދަ ތިމާވެއްޓާ ރައްޓެހި ޝަހަރަކަށް

  • 5 މިލިޔަން ގަސް ރާއްޖޭގައި އިންދުމުގެ ވައުދުގެ ބޮޑު އިންސައްތައެއް ފުރިހަމަވާނީ މިތަނުގައި

އަލަށް ތަރައްޤީކުރާ ރަސްމާލެ ވާނީ، ދުނިޔޭގައި ކުރިއަރަމުން އަންނަ ނަމޫނާ ސިޓީތަކާ އެއްފަދަ ތަނަކަށްކަމަށާ، އެއީ ދިވެހިން ފަޚުރުވެރިވާފަދަ ޒަމާނީ ޝަހަރަކަށް ވާނެކަމަށް، އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ހުޝައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ޕީއެސްއެމް ނިިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވަހަކަދައްކަވަމުންނެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ މައްސަލައެވެ. ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫގެ ގޮތުގައި ފުށިދިއްގަރު ފަޅު ހިއްކައި "ރަސްމާލެ" ތަރައްޤީކުރުމުގެ މަސައްކަތް މިމަހުގެ 18ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވަނީ ފަށްޓަވައިދެއްވާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުޙައްމަދު ހުޝައިން ޝަރީފް ވިދާޅުވީ، ރަސްމާލެ ވާނީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔަވަހިކަމުގެ މައްސަލައަށް ފުރިހަމަ ޙައްލެއް ލިބޭނެ މަޝްރޫއަށްކަމަށެވެ. މިއީ މުޅި މަޝްރޫޢު ނިމޭއިރު ހުޅުމާލޭގެ 3 ގުނަ ބޮޑު ބިމެކެވެ.

ރަސްމާލެއަކީ ފެހިކަންގަދަ ތިމާވެއްޓާ ރައްޓެހި ޝަހަރަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. ރައީސް ޑރ.މުޢިއްޒުގެ ތިމާވެށީގެ އެއް ވަޢުދުފުޅުކަމަށްވާ ރާއްޖޭގައި 5 މިލިޔަން ގަސް އިންދުމުގެ މަޝްރުއުގެ ވަރަށްބޮޑު އިންސައްތައެއް ފުރިހަމަވާނީ ރަސްމާލޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލެއަށް މި އަންނަނީ އައިޑްރޯޕޮއިލްގައި ހައިސްޕީޑްގައި 6 ނުވަތަ 8 މިނެޓް ތެރޭގައި އާދެވޭނެ. ރަށުތެރޭގައި ބޭނުންކުރާ ޕަބްލިކް ޓްރާންސްޕޯޓްވެސް އަޅުގަނޑުމެން ބާރުއަޅާނީ އިލެކްޓްރިކް ވެހިކަލްސް ބޭނުންކުރުމަށް. ރާއްޖެއިން ބޭރުންވެސް މީހުންގެ ސަމާލުކަން ލިބޭނެ، މިއީ ތަހުޒީބު ވެފައި އޮތް މުޖްތަމައެއް ދުނިޔޭގައި ކުރިއަރަމުން އަންނަ ނަމޫނާ ޤައުމެކޭ ބުނެ އަޅުގަނޑުމެން ފަހުރުވެރިވާފަދަ ސިޓީއަކަށް ރަސްމާލެ ވެގެންދާނެ އިނގޭތޯ." މުޙައްމަދު ހުޝައިން ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުބާއީގައި އެންމެ ފަހުން އޮތް ކޮޕް28 ސަމިޓްގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވާފަދައިން ރާއްޖެއިން ތެޔޮ އަންދާ މިންވަރު 33 އިންސައްތަ މަދުކުރުމަށްވެސް، މި މަޝްރޫޢުގެ ސަބަބުން ވަރަށްބޮޑަށް މަގުފަހިވާނެކަމަށެވެ.

މުޙައްމަދު ހުޝައިން ޝަރީފް ވިދާޅުވީ، މި މަޝްރޫއު ހިންގަނީވެސް ރައްޔިތުންނަށް އެންމެފައިދާވާ ގޮތައްކަމަށެވެ. މީގެކުރީގެ ސަރުކާރުން ކޯޕަރޭޓް ގެރެންޓީ އުސޫލު ބޭނުންކޮށްފައިވާ ގޮތާއި މިމަޝްރޫއާ ތަފާތުކަމަށް އޭނާ ވިދާޅުވިއެވެ. ހުޅުމާލޭ ފޭސް 3އިން 96 ހެކްޓަރުގެ ބިން ހިއްކުމަށް ކޮންޓްރެކްޓަރަށް 20 ހެކްޓަރުގެ ބިން ދީފައިވެއެވެ. އެއީ ހުޅުމާލޭ ހިއްކާ ސަރަޙައްދުން 10 ހެކްޓަރާއި ތިލަފުށިން 9.6 ހެކްޓަރެވެ. ރަސްމާލެ މަޝްރޫއުގައި 1153 ހެކްޓަރު ހިއްކާއިރު ކޮންޓްރެކްޓަރަށް ލިބެނީ 70 ހެކްޓަރެވެ. އެއީވެސް ސަރުކާރުން ބެނުންވެއްޖެ ހިނދެއްގައި ގަނެވޭ ގޮތަށެވެ.