ޚަބަރު

މިހާތަނަށް ކުރި މަސައްކަތުން ނައީޝް އަދި ފެނިފައިނުވޭ: އެމްއެންޑީއެފް


  • ނައީޝް ހޯދުމަށް ވައިގެމަގުން 23.46 ސްކުއަރ ނޯޓިކަލް މޭލުވަނީ ބަލާފައި

  • ކަނޑުމަގުން 490 ސްކުއަރ ނޯޓިކަލް މޭލު، ޑައިވްކޮށްގެން 1 ސްކުއަރ ނޯޓިކަލް މޭލު ބަލާފައިވޭ

ސ. މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް ހޯދުމަށް އެމްއެންޑީއެފް ސަދަން އޭރިޔާ ކޮމާންޑް ކޯސްޓްގާޑު ފޯތު ރަންއިން ކުރިއަށްދާ އޮޕަރޭޝަންގައި މިހާތަނަށް އަދި ނައީޝް ފެނިފައި ނުވާކަމަށް އެމްއެންޑީއެފުން ހާމަކުރައްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ނައީޝް ހޯދުމަށް ވައިގެމަގުން 23.46 ސްކުއަރ ނޯޓިކަލް މޭލު، ކަނޑުމަގުން 490 ސްކުއަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 1 ސްކުއަރ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ.

18 އަހަރުގެ ސ. މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތިދުވަހުގެރޭ 22:10 ހާއިރުއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު ޖަމްޝާދު ވިދާޅުވީ މި ހާދިސާ ރިޕޯޓުކޮށްފައިވަނީ އެވަގުތު ނައީޝް އާއެކު، މޫދުގައި އުޅުނު މަރަދޫއަށް ނިސްބަތްވާ މުޙައްމަދު ޝިމާން ފަތާފައި ގޮސް ސަދަން އޭރިއާ ކޮމާންޑަށް އަރާކަމަށެވެ.

ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ވައިގެމަގުންވެސް ކުރިއަށް ގެންދިޔުމަށް، ދިވެހި ސިފައިން، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ދަނީ ބޭނުންކުރަމުންނެވެ. ނައީޝް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އައްޑޫސިޓީއަށް މޫސުން ގޯސްކަން ޖަމްޝާދު ފާހަގަކުރެއްވިއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، މި އޮޕަރޭޝަންގައި ސ. ގަމުގެ ފުށްޓަރު ފަރާތް ބަލާ ހޯދުމަށް ހުރުދުވަހުގެ ހެނދުނު 10:25 އިން ފެށިގެން ދިވެހި ސިފައިންގެ ޑައިވަރުންގެ ޓީމެއް ޙަރާކަތްތެރިވަމުންދާކަމަށެވެ. އަދި އެ ސަރަޙައްދުގެ ހޭޅިފަށްވެސް ބަލަމުންދާކަމަށެވެ.

ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތުގައި، އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބަރކްރާފްޓް 105"، ޑައިވަރުންގެ ޓީމަކާއެކު މިހާރު އެ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ނައީޝާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމް.އެން.ޑީ.އެފުން އެދެއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން ހިއްސާކުރުމަށްވަނީ އެދިފައެވެ.