ޚަބަރު

ބިލަށް ބަދަލެއް ގެންނަވަންޖެހޭނަމަ އެކަން ސަރުކާރުން ކުރައްވާނެ


ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، އެބިލަށް ގެންނަންޖެހޭ އިސްލާހެއް ވާނަމަ ސަރުކާރުގެ ފަރާތުން އެއިސްލާޙެއް ގެންނަވާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ، ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާމެދު މޯލްޑިވްސް މީޑިއާ ކައުންސިލާއި، ބްރޯޑްކާސްޓިންގ ކޮމިޝަނާ ބައްދަލުކުރައްވައި މަޝްވަރާކޮށް، ސަރުކާރުން އެބިލަށް ގެންނަންޖެހޭ އިސްލާޙެއް ގެންނަވާނެކަމަށެވެ.

"މިހާރު ޑްރާފްޓް ކުރެވިފައިއޮތް އަބުރު ރައްކާތެރި ކުރުމާބެހޭ ބިލްގައި އެއްވެސް ކަންބޮޑުވުމެއް އޮތްކަމަށް ވާނަމަ ސަރުކާރުން މިތިބީ އެއައް ގެންނަންޖެހޭ ބަދަލެއް ގެންނަން ތައްޔާރަށް. އަޅުގަނޑުމެން އެއްގޮތަކަށްވެސް މިތިބީ ކޮންމެހެން އެބިލް އޮތްގޮތަށް ފާސްކުރަން ނިންމައިގެނެއްނޫން." މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުމެއްވާނަ އެކަމަށް ސަރުކާރުން އިޖާބަދެއްވާނެކަމަށާއި، އެހެންނަމަވެސް އެކަންބޮޑުވުމެއް ވާންވާނީ ޤަބޫލުކުރެވޭ ކަންބޮޑުވުމަކަށްކަމަށެވެ. އަދި އެކަން ސަރުކާރާ ޙިއްޞާ ކުރައްވަންވާނީ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ މީޑިއާ ރެގިއުލޭޓް ކުރެވޭނެކަމަށާއި، އެކަން ކަށަވަރު ކުރައްވާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ މީޑިއާ ރެގިއުލޭޓް ކުރެވޭނެ. އެއަށް ޤާނޫނެއް އޮންނަންވާނެ އަދި ޤާނޫނެއްގެ ދަށުން އެކަން ކުރެވެމުންދާނީވެސް. މުޅިން އެއްކޮށް ހުޅުވާލެވި، އެމީހަކު ބުނާނެ އެއްޗެއް ބުނުމަށްފަހު މިއީ މީޑިއާގެ މިނިވަންކަމޭ ބުނެފައި އެކަމުން ފިލައިގެންދެވޭނެ ގޮތަކަށްނޫން ޤާނޫނުތައް ހުންނަންވާނީކީ. ކޮންމެ ބަޔަކު އެބައެއްގެ ޢަމަލުތަކަށް ޒިންމާވާން ޖެހޭނެ." – ހޯމް މިނިސްޓަރ

ނޫސްވެރިންގެ ކަންބޮޑުވުންތައް ހާމަކުރުމަށް މީޑިއާ ކައުންސިލް ނުވަތަ އެނޫންވެސް ރަސްމީ އިދާރާތައް މެދުވެރިކޮށް ސަރުކާރަށް ކަންބޮޑުވުންތައް ޙިއްޞާ ކުރުމެއްނެތި ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތްކުރާ ބައެއް ނޫސްވެރިން ކޮށްފައިވާ މުޒާހަރާއަކީ ސިޔާސީ މުޒާހަރާއެއްގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

ހޯމް މިނިސްޓަރ ވަނީ ނޫސްވެރިންގެ ކަންބޮޑުވާ ކަމެއް ހުރިނަމަ އެކަމެއް މިނިސްޓަރާ ޙިއްޞާ ކުރެއްވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް އިސްވެ ދަޢުވަތު ދެއްވާފައެވެ. އަދި އަންނަ ހަފްތާ ތެރޭގައި މިކަމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނާވެސް ބައްދަލުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.