ޚަބަރު

ނައީޝް ގެއްލުނު ޚަބަރު ކޮމާންޑް ސެންޓަރަށް ރިޕޯޓް ކުރީ އޭނާގެ އެކުވެރިޔާ ފަތާފައި ގޮސް


  • ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭގެ 22:10 ހާއިރު

  • ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއް

  • ވައިގެ މަގުންނާއި ކަނޑުމަގުން އޭނާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން

ނައީޝް ގެއްލިގެން ރިޕޯޓުކުރަން އޭނާގެ ރަހުމަތްތެރިޔާ ކޮމާންޑު ސެންޓަރަށް އަރާފައިވަނީ ފަތާފައި ގޮސްކަމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަަކަދައްކަވަމުން އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު ޖަމްޝާދު ވިދާޅުވީ ރޭގެ ހާދިސާ ރިޕޯޓުކޮށްފައިވަނީ އެވަގުތު ނައީޝް އާއެކު، މޫދުގައި އުޅުނު މަރަދޫއަށް ނިސްބަތްވާ މުޙައްމަދު ޝިމާން ފަތާފައި ގޮސް ސަދަން އޭރިއާ ކޮމާންޑަށް އަރާކަމަށެވެ.

18 އަހަރުގެ ސ. މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭގެ 22:10 ހާއިރުއެވެ. ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ވައިގެމަގުންވެސް ކުރިއަށް ގެންދިޔުމަށް، ދިވެހި ސިފައިން، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ދަނީ ބޭނުންކުރަމުންނެވެ. ނާއިޝް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އައްޑޫސިޓީއަށް މިއަދު މޫސުން ގޯސްކަން ޖަމްޝާދު ފާހަގަކުރެއްވިއެވެ.

"ރޭގަވެސް ސަރޗުކުރަމުން ދިޔައިރު، ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައީ، ކަނޑު އެހާ ގަދައެއް ނޫން، މިހާރުވެސް ބަލާލާއިރު، ވާރޭގެ އަސަރު އެބަހުރި، ވައި ބާރުވަމުންދަނީ." ޖަމްޝާދު ވިދާޅުވިއެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، މި އޮޕަރޭޝަންގައި ސ. ގަމުގެ ފުއްޓަރު ފަރާތް ބަލާ ހޯދުމަށް މިއަދުގެ ހެނދުނު 10:25 އިން ފެށިގެން ދިވެހި ސިފައިންގެ ޑައިވަރުންގެ ޓީމެއް ޙަރާކަތްތެރިވަމުންދާކަމަށެވެ. އަދި އެ ސަރަޙައްދުގެ ހޭޅިފަށްވެސް ބަލަމުންދާކަމަށެވެ.

ގެއްލުނު ޒުވާނާ ހޯދުމުގެ މަސަައްކަތުގައި، އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބަރކްރާފްޓް 105"، ޑައިވަރުންގެ ޓީމަކާއެކު މިހާރު އެ ސަރަޙައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ނައީޝާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމް.އެން.ޑީ.އެފުން އެދެއެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން ހިއްސާކުރުމަށްވަނީ އެދިފައެވެ.