ޚަބަރު

ނައީޝް ހޯދުމަށް އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ސިފައިންނާއެކު ބޭނުންކުރަނީ


  • ގެއްލިގެން ހޯދަނީ ސ. މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް

  • އޭނޭ ގެއްލިގެން ރިޕޯޓުކޮށްފައިވާ ރޭގެ ވަގުތެއްގައި

  • ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއް

ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ވައިގެމަގުންވެސް ކުރިއަށް ގެންދިޔުމަށް، ދިވެހި ސިފައިން، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ބޭނުންކުރަން ނިންމައިފިއެވެ.

އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން އުމުރުން 18 އަހަރުގެ ސ. މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ރޭގެ 22:10 ހާއިރުއެވެ.


ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.


އެމް.އެން.ޑީ.އެފުން ވިދާޅުވީ މި އޮޕަރޭޝަންގައި ސ. ގަމުގެ ފުއްޓަރު ފަރާތް ބަލާ ހޯދުމަށް މިއަދުގެ ހެނދުނު 10:25 އިން ފެށިގެން ދިވެހި ސިފައިންގެ ޑައިވަރުންގެ ޓީމެއް ޙަރާކަތްތެރިވަމުންދާކަމަށެވެ. އަދި އެ ސަރަޙައްދުގެ ހޭޅިފަށްވެސް ބަލަމުންދާކަމަށެވެ.

މި ޒުވާނާ ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަށް އައްޑޫގައި ހުންނަ މޯލްޑިވިއަން އެކެޑަމީގެ މަތިންދާ ބޯޓެއް، ދިވެހި ސިފައިންނާއެކު އިތުރު ކުރެވި ވައިގެމަގުން އެ ސަރަޙައްދު ބެލުމުގެ މަސައްކަތް ކުޑައިރުކޮޅެއްތެރޭ ފެށިގެންދާނެކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.