މޫސުން ގޯސްވެ، މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މި އެލަރޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށް، މިއަދު ހެނދުނު 08:00 އިން މެންދުރުފަހު 14:00 އާއިހަމައަށެވެ. މެޓުން ވިދާޅުވީ، މިވަގުތުތަކުގައި މި ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ.
މެޓު އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށެވެ. އެގޮތުން ވައިޖެހޭނީ އިރުއިތުރާއި އިރުން ގަޑިއަކު 13 މޭލައި 23 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. އަދި މިގަޑިތަކުގައި ކަނޑުގެ ރާޅުތަކުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގެ އުސްމިނެއްގައިކަމަށް މެޓުން ވިދާޅުވެއެވެ.
Alert White heavy rain and thunderstorms with gusts of 40 mph. pic.twitter.com/KJWlgfrxMG
— Maldives Meteorology (@MetMaldives) December 22, 2023
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރަމުންދާއިރު، މި ދުވަސްވަރަކީ ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގިނަބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރެއެވެ. އަދި އެލަރޓްތަކަށް ސަމާލުވެ މޫސުން ބޮޑަށް ގޯސްވާ ގަޑިތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.