ޚަބަރު

ރަސްމާލެ އަކީ ރާއްޖޭގައި އެންމެ ހެޔޮއަގުގައި ހިންގާ އެންމެ ބޮޑު މަޝްރޫޢުު: ފަޒުލް


  • 96 ހެކްޓަރުގެ ހުޅުމާލެ ފޭސް 3 ހިއްކަނީ ކޮންޓްރެކްޓަރަށް 20 ހެކްޓަރު ދޭގޮތަށް

  • 1093 ހެކްޓަރުގެ ރަސްމާލެ މަޝްރޫޢު ހިއްކަނީ ބަދަލުގައި 70 ހެކްޓަރު ދޭގޮތަށް

  • ރާއްޖޭގައި މީގެކުރިންވެސް ފަޅުތަކާއި ރަށްތައް ދީގެން މަޝްރޫޢުތައް ހިންގާފައިވޭ

މިސަރުކާރުގެ އުއްމީދީ މަޝްރޫޢު، "ރަސްމާލެ" މަޝްރޫޢަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑައަގެއްގައި ހިންގާ އެންމެ ބޮޑު މަޝްރޫޢު ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމާއި ގުޅިފައިވާ އެންމެ އުއްމީދީ މަޝްރޫޢާ ގުޅޭ ތަފްސީލް ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް އެންމެ އަގުހެޔޮކޮށް އަދި ދައުލަތަށް އެންމެ ފައިދާ ބޮޑުކޮށް ހިންގާ މަޝްރޫޢުކަމަށެވެ.

ފަޒުލް ވިދާޅުވީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގާފައިވާ ބައެއް މަޝްރޫޢުތައްވެސް ކޯޕަރޭޓް ގެރެންޓީ އުސޫލު ބޭނުންކޮށްގެން ކޮށްފައިވާކަމަށެވެ. އެގޮތުން ހުޅުމާލޭ ފޭސް 3 އިން 96 ހެކްޓަރުގެ ބިން ހިއްކުމަށް ކޮންޓްރެކްޓަރަށް 20 ހެކްޓަރުގެ ބިން ދީފައިވާކަމަށް ފަޒުލް ވިދާޅުވިއެވެ. އެއީ ހުޅުމާލޭ ހިއްކާ ސަރަޙައްދުން 10 ހެކްޓަރާއި ތިލަފުށިން 9.6 ހެކްޓަރުކަން ފަޒުލް ފާހަގަކުރެއްވިއެވެ. މިފަދަ މަޝްރޫޢަކާއި އަޅާ ބަލާއިރު މިސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫޢަކީ ބޮޑުތަނުން ދައުލަތަށް ފައިދާވާގޮތަށް ތަރައްޤީކުރާ މަޝްރޫޢެއް ކަމަށް ފަޒުލް ވިދާޅުވިއެވެ.

"އެ މަޝްރޫއުން ރައްޔިތުންނަށް ކިހާވަރެއްގެ ބިމެއްތޯ ލިބުނީ. 96 ހެކްޓަރުން ރައްޔިތުންނަށް އޮތީ 76 ހެކްޓަރު. މިއަދު އަޅުގަނޑުމެން 70 ހެކްޓަރު ދީފައި މި ހިއްކަނީ 1093 ހެކްޓަރު. މިއީ ތަފާތަކީ." ފަޒުލް ވިދާޅުވިއެވެ.

ފަޒުލް މިގޮތަށް ވިދާޅުވެފައިވާއިރު، ސަރުކާރުންވެސްވަނީ މިމަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޚަރަދުނުކޮށް އަދި މާލީ ބުރައެއް ދައުލަތަށް އުފުލަންޖެހޭފަދަ ލޯނެއް ނުނަގާ، ހިންގާ މަޝްރޫޢެއް ކަމަށާޢި، މިއީ މާލީގޮތުން ދައުލަތަށް ފައިދާ ބޮޑު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި މީގެކުރިންވެސް ރަށްރަށާއި ފަޅުތައް އަދި މިނޫންވެސް ޢިނާޔަތްތައް ކޮންޓްރެކްޓަރަށް ލިބިދޭ އުސޫލުން އެކި މަޝްރޫޢުތައް ހިންގާފައިވެއެވެ. އޭގެތެރޭގައި ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫޢުތަކާއި ފަތުރުވެރިކަމަށް ދޫކުރާ އެކި ތަންތަނުގެ މަސައްކަތް ހިމެނެއެވެ. މިފަދަ ބައެއް މަޝްރޫޢުތަކުން އިޤްތިޞާދަށް ފައިދާވާއިރު އަނެއްބައި މަޝްރޫޢުތަކުން ދައުލަތަށް ފައިދާ ނުވާކަން ފާހަގަކޮށްލެވެއެވެ.

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚު ބަދަލުކުރާނެ ވަރުގެ އިންޤިލާބީ މަޝްރޫޢެއްގެ ގޮތުގައި އެޗްޑީސީން ފާހަގަކުރެއެވެ. އެގޮތުން މިއާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭއިރު މިއީ ވިޔަފާރީގެ ގޮތުންވެސް ރާއްޖެއަށް އެތައް ފުރުސަތުތަކެއް ގެނެސްދޭނެ މަޝްރޫޢެއްގެ ގޮތުގައި އެޗްޑީސީން ފާހަގަކުރެއެވެ. ހަމައެއާއެކު މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތަޢާރަފްވެގެންދާނެ މުސްތަޤުބަލު އުޖާލާ މަޝްރޫޢެއްކަމަށް ސަރުކާރުންވެސް ވިދާޅުވެއެވެ.

"ރަސްމާލޭ"ގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްޤީކުރެވިގެންދާނީ ނިކަން ވިންދުހުރި ސިޓީއެއްގެ ގޮތުގައިކަމަށާއި މިއީ ދުނިޔޭގައިވެސް ނަން ވިދާލާ ނަމޫނާ ސިޓީއަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.