ކުޅިވަރު

އަލްމޭރިއާ އަތުން ހޯދި އުނދަގޫ މޮޅާއެކު ބާސެލޯނާ ތިންވަނައަށް


ސްޕެނިޝް ލީގުގައި ރޭ އަލްމޭރިއާ އަތުން ހޯދި އުނދަގޫ މޮޅާއެކު ތާވަލުގެ ތިންވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ފުރަތަަމަ ލަނޑު ޖަހައި ކުރިހޯދީ ބާސެލޯނާއިންނެވެ. މި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ރަފީނިއާއެވެ. އެކަމަކު މެޗުގެ 41 ވަނަ މިނެޓުގައި އަލްމޭރިއާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ސާޖިއޯ އަރީބާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ލިއޯ ބަޓިސްޓާއޯއެވެ.

ބާސެލޯނާއިން މި މެޗުގެ ދެވަަނަ ހާފު ފެށީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް، ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ސާޖިއޯ ރޮބާޓޯއެވެ.

އަލްމޭރިއާ އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެޑްގާ ގޮންޒާލޭޒެވެ. އެކަމަކު މި މެޗުން ބާސެލޯނާ މޮޅުވި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމުގެ މިޑްފީލްޑަރު ސާޖިއޯ ރޮބާޓޯއެވެ. މިއީ އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޮސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 18 މެޗުން ލިބުނު 38 ޕޮއިންޓާއެކުއެވެ. އަދި މެޗުން ބަލިވި އަލްމޭރިއާއަށް ލީގުގައި ކުޅުނު 18 މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުގައެވެ.