ކުޅިވަރު

ފަސޭހަކަމާއެކު ވެސްޓް ހޭމް ބަލިކޮށް ލިވަޕޫލް ސެމީއަށް


އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި ރޭ ވޭސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލަށް ލިވަޕޫލް ދަތުރުކޮށްފިއެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ބޮޑުބައި ޑޮމިނޭޓުކޮށްގެން މޮޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައްވެސް ތަނަވަސްކޮށްފައި ވަނީވެސް އެ ޓީމުންނެވެ. މި މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައެވެ. ޒުވާން ޑިފެންޑަރު ރުޖެރެލް ކުއާންސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަންގޭރީގެ މިޑްފީލްޑަރު ޑޮމެނިކް ސޮބޯސްލާއިއެވެ.

އަދި ދެވަަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ޑާވިން ނޫނޭޒް ދިން ބޯޅައަކުން މިޑްފީލްޑަރު ކާޓިސް ޖޯންސް ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ފޯވާޑް ކޯޑީ ގަކްޕޯ ކާމިޔާބުކުރީ އޭރިއާ ރޮނގުމަތިން ފޮނުވާލި ބާރު ބޯޅައަކުންނެވެ.

މި މެޗުގެ 77 ވަނަ މިނެޓުގައި ވެސްޓް ހޭމުގެ ހަމައެކަނި ލަނޑު ވަނީ ފެނިގެންގޮސްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެރޮޑް ބޮވެންއެވެ. އެކަމަކު އޭގެ ފަސް މިނެޓުފަހުން މުހައްމަދު ސަލާހް ވަނީ ލިވަޕޫލުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި އެ ޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖޯންސްއެވެ.

މި މޮޅާއެކު މުބާރާތުގެ ސެމީ ފައިނަލަށް ލިވަޕޫލް ދަތުރުކުރިއިރު، ސެމީގެ ދެވަނަ މެޗުގައި އެ ޓީމު ބައްދަލުކުރާނީ ފުލަމް އާއެވެ. މި ދެ ޓީމު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގު އަންނަ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު ލިވަޕޫލުގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ލެގު ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ފުލަމްގެ ދަނޑުގައެވެ. މި މުބާރަތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޗެލްސީ އާއި މިޑިލްސްބްރާއެވެ.