ޚަބަރު

ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުން ޗުއްޓީއަށް


  • ދިރާސީ އަހަރު ފެށީ 84000 އަށްވުރެ ގިނަ ދަރިވަރުންނާއެކު

  • ސަރުކާރުގެ 216 ސްކޫލްގައި 73,000 ދަރިވަރުން ތަޢުލީމު ހާސިލުކުރޭ

  • 25,000 ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރާ ކުދިން

ހިނގަމުންމިދާ ދިރާސީ އަހަރުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުން ޗުއްޓީއަށް ގޮސްފިއެވެ. މާލެއާއި އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް މިއަދު ވަނީ ދިރާސީ އަހަރުގެ ފުރަތަމަ ސެމިސްޓަރ ނިންމާ ރިޕޯޓް ފޯމް ހަވާލުކޮށްފައެވެ.

84000 އަށްވުރެ ގިނަ ދަރިވަރުންނާއެކު 2023-2024 ވަނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައި ވަނީ އޯގަސްޓު މަހުގެ 6 ވަނަ ދުވަހުގައެވެ. ސަރުކާރުގެ 216 ސްކޫލްގައި 73,000 ދަރިވަރުން ތަޢުލީމު ހާސިލު ކުރަމުންދާއިރު، އޭގެތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނެވެ.

ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިންމާލާފައިވާއިރު، ތައުލީމާއި ބެހޭ ވުޒާރާއިން އަންނަނީ ކުރިއަށް އޮތް ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

ދިރާސީ އަހަރުގެ ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުވަރީ މަހުގެ 7 ވަނަ ދުވަހުއެވެ.

ނިމިދިޔަ ސެމިސްޓަރގެ ތެރޭގައި ތައުލީމީ ވުޒާރާއިން ވަނީ ދިރާސީ އައު އަހަރު އަހަރުގެ ކުރީކޮޅަށް ބަދަލުކުރެއްވުމާއި ގުޅޭގޮތުން ސްކޫލް ތަކުގެ ޕްރިންސިޕަލުންނާ މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް މިކަން ތަންފީޒުކުރަން ފަށާނެ ވަކި އަހަރެއް އަދި ކަނޑައަޅުއްވާފައި ނުވާކަމަށްވެސް އެވުޒާރާއިން ވަނީ ވިދާޅުވެއެވެ.