އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން އަންނަ ސީޒަނުގެ ކުލަބު ފުޓްބޯޅަ މުބާރާތްތަކަށް ބޮޑު ބަަދަލުތަކެއް ގެންނައިރު، ރާއްޖޭގެ ލީގު ޗެމްޕިއަނުންނަށް ދޭން ނިންމާފައިވަނީ އޭއެފްސީ ޗެެލެންޖާސް ލީގުގެ ޕްލޭއޮފް ޖާގައެއްކަން ކަށަވަރުވެއްޖެއެވެ.
އަލަށް ފަށާ ޗެލެންޖާސް ލީގަކީ އޭއެފްސީގެ ތިންވަނަ ފަންތީގެ ކުލަބު ފުޓްބޯޅަ މުބާރާތެވެ. އޭއެފްސީން ދެން ބާއްވަނީ ދެވަނަ ފަންތީގެ މުބާރާތަށް އޭއެފްސީ ޗެމްޕިއަންސް ލީގު 2 އާއި ފުރަތަމަ ފަންތީގެ މުބާރާތަކަށް އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓެވެ. ރާއްޖެ އަށް ޗެލެންޖާސް ލީގުގެ ޕްލޭއޮފުން ފުރުސަތު ލިބުނުއިރު، އިންޑިއާ ފިޔަވައި ދެކުނު އޭޝިއާގެ ހުރިހާ ޓީމަކަށްވެސް ފުރުސަތު ލިބެނީ މި ލީގުގެ ޕްލޭއޮފް ބުރުންނެވެ.
އިންޑިއާއަށް އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ގްރޫޕް ސްޓޭޖުން އެއް ޖާގަ އަދި ޕްލޭއޮފް ބުރުން އެއް ޖާގަ ލިބޭނެއެވެ. އެއީ އިންޑިއާގެ ލީގު ވަރުގަދަވެފައި، ވޭތުވެދިޔަ އަހަރުތަކުގައި އެ ގައުމުގެ ކުލަބުތަކުން އޭއެފްސީ މުބާރާތްތަކުގައި ނެރެފައިވާ ނަތީޖާތަކަށް ބަލައި، ލިބިފައިވާ ރޭންކިން ޕޮއިންޓް ގިނަވުމުންނެވެ.
މީގެ ކުރިން ރާއްޖޭން ވާދަކުރަމުން އައީ، އޭޝިއާގެ ދެވަނަ ފަންތީގެ ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ކަޕުގައެވެ. އެ މުބާރާތް އަންނަ ސީޒަނުން ފެށިގެން ބަދަލުވާނީ އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ނަމަށެވެ. އޭއެފްސީން އަލުން ކުލަބު ފުޓްބޯޅަ މުބާރާތްތައް އަތުރާލުމާއެކު، ރާއްޖޭގެ ފުޓްބޯޅަ މި ވަަގުތު އޮތް ހާލަތާއި، ލީގުގެ ފެންވަރާއި، ކުލަބުތަކުން އޭއެފްސީ މުބާރާތްތަކުގައި މި ފަހުން ނެރުނު ނަތީޖާތަކަށް ބަލާއިރު، މި ވާދަކުރަން ޖެހުނީ ތިންވަނަ ފަންތީގެ މުބާރާތުގައެވެ.
އޭއެފްސީ ކަޕަކީ ރާއްޖޭގެ ކުލަބުތަކުން 2004 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ މުބާރާތެކެވެ. ރާއްޖޭގެ ކުލަބުތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތައް އަތުން މި މުބާރާތުގައި ރަނގަޅު ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެ ގޮތުން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަުން ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދައި، 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅެފައެވެ. އެކަމަކު ނިއު ރޭޑިއަންޓް ފިޔަވައި ރާއްޖޭގެ އިތުރު ޓީމަކަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ.
އޭއެފްސީގެ ތިންވަނަ ފަންތީގެ ކުލަބު ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފް ޖާގައެއް އަންނަ އަހަރު ރާއްޖެއަށް ލިބޭއިރު، ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުން އެ ޖާގަ ލިބެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށެވެ. މާޒިޔާއިން ލީގު ކަށަވަރުކުރީ އަންގާރަ ދުވަހު ކުޅުނު ލީގުގެ އެންމެ ފަހު މެޗުގައި ކުލަބު އީގަލްސް 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.