ޚަބަރު

ޢަރަބި ބަހާއި އިނގިރޭސި ބަހުން ހުށައަޅާ ލިޔުންތައް ބަލައިގަންނާނެ


ޝަރުޢީ ކޯޓުތަކަށް ހުށައަޅާ މައްސަލަތަކުގައި އިނގިރޭސި ބަހުންނާއި ޢަރަބި ބަހުން ހުންނަ ލިޔުންތަކުގެ ތަރުޖަމާ ހުށަނޭޅިނަމަވެސް، އެ ލިޔުންތައް ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގަވައިފިއެވެ.

އެކޯޓުން މިއަދު ނެރުއްވި ސަރކިއުލާގައި ވަނީ ޝަރީޢަތަށް ހުށައެޅޭ ލިޔުންތައް ވަކިބަހަކުން ހުރުމަކީ ލާޒިމުކަމެއް ނޫންކަމަށެވެ. އެހެންކަމުން އިނގިރޭސިބަހާއި ޢަރަބި ބަހުން ހުންނަ ލިޔުންތައް ހުށައަޅާއިރު، އޭގެ ދިވެހި ތަރުޖަމާ ހުށަނޭޅިނަމަވެސް ކޯޓްތަކުން ބަލައިގަނެ، އެ މައްސަލަތައް ކުރިއަށް ގެންދަވަން ޖެހޭނެކަމަށް އެ ސަރކިއުލާގައިވެއެވެ. 

އަދި އެނޫން ބަސްބަހުން ހުންނަ ލިޔުންތައް އިނގިރޭސި ބަހާއި އަރަބި ބަހުން އޭގެ ތަރުޖަމާ ހުށައަޅައިފިނަމަ ދިވެހި ރާއްޖޭގެ ކޯޓްތަކުން އެފަދަ ލިޔުންތައް ބަލައިގަންނަވައި، އޭގެ މައްޗަށް ބިނާކުރައްވައި މައްސަލަތައް ކުރިއަށް ގެންދެވުމަށްވެސް ކޯޓްތަކަށް އަންގަވާފައިވެއެވެ.