ޚަބަރު

ކަނބަލުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ތައްޔާރުވެއްޖެ


  • ލޯނުދޭން އެކަށައެޅޭ ދާއިރާތަކަކީ ކޮބައިކަން ކަނޑައަޅައިފި

  • ލޯނު ދޫކުރުމަށް ބޭނުންވާ މެކޭނިޒަމްވެސް ވަނީ ކަނޑައަޅާފައި

  • 14 ހަފްތާ ނިމުމުގެ ކުރިން ލޯނަށް އެދުމަށް ހުޅުވާލާނެ

ސަރުކާރުގެ ހަފްތާ14 ގައި ހިމަނުއްވާފައިވާ ކަނބަލުންނަށް ދޫކުރާ ލޯނު ސްކީމްގެ އިންތިޒާމުތައް މިހާރު ނިމިފައިވާކަމަށާއި ވަރަށް އަވަހަށް މި ލޯނުތަކަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އަންހެނުންނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ 'ސްޓާޓްއަޕް ލޯން ސްކީމް'އެއް ތަޢާރަފުކުރުމަކީ ސަރުކާރުގެ ހަފްތާ14 މަގުޗާޓުގައި ކަނޑައަޅާފައިވާ މުހިންމު އެއް ސިޔާސަތެވެ.


ޕީއެސްއެމް ނިއުސްގެ ހަފްތާ14 ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން ޒާމިރު ވިދާޅުވީ، ސަރުކާރުގެ ހަފްތާ14 ގައި ހިމަނުއްވާފައިވާ ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން މިހާރު ކުރެވެމުންދާ މަސައްކަތަކީ ކަނބަލުންނަށް ވިޔަފާރި ފެށުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމްގެ މަސައްކަތްކަމަށެވެ.

ޒާމިރު ވިދާޅުވީ، 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިގެންދާނީ ވަކި އުސޫލެއްގެ ދަށުންކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވަކި ދާއިރާތަކަކަށް ހުޅުވާލެވި، ފަހުން ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހައި ކަނބަލުންނަށް ބައިވެރިވެވޭގޮތައް މި ސްކީމްގައި ހުޅުވިގެންދާނެކަމަށެވެ.

" އަޅުގަނޑުމެން މިހާރު އެބަ މަސައްކަތް ކުރަން ހުރިހައި އަންހެން ބޭފުޅުންނަށް އެންގޭޖްވެ، ޚާއްސަކޮށް ވިޔަފާރީގެ ދާއިރާއަށް ވަންނަން ބޭނުންފުޅުވާ ބޭފުޅުންނާއި، ވިޔަފާރީގެ ދާއިރާގައި މިވަގުތު މަސައްކަތްކުރައްވާ ބޭފުޅުންނާއި، އެހުރިހާ ބޭފުޅުންނަށްވެސް މީގެތެރެއިން އެކްސަސް ލިބޭ ގޮތައް މި ލޯނު ސްކީމް ފަރުމާކުރުން. އޭގަވެސް ލޯނު ސްކީމް ފަރުމާކުރަން ބޭނުންވާ މައުލޫމާތު އަޅުގަނޑުމެންނަށް އެއްކުރެވި، ލޯނުދޭން އެކަށައެޅޭ ދާއިރާތަކަކީ ކޮބައިކަން ކަނޑައެޅި، ލޯނު ދޫކުރުމަށް ބޭނުންވާ މެކޭނިޒަމް އަޅުގަނޑުމެންނަށް ޤާއިމްކުރެވިފައި މިހުރީ. އިރާދަކުރެއްވިއްޔާ 14 ވަނަ ހަފްތާ ނިމުމުގެ ކުރީގައި އަޅުގަނޑުމެން މި މަސައްކަތް ހުޅުވާލާނަން ރައްޔިތުންނަށް ލޯނަށް ކުރިމަތިލުމުގެ. އެހިސާބަށް އަޅުގަނޑުމެން ތައްޔާރީތައް ނިމިފައި މިހުރީ." ޒާމިރު ވިދާޅުވިއެވެ.

ޒާމިރު ވިދާޅުވީ، އެންމެ ފުރަތަމަ ލޯނު ސްކީމްއަށް ހުޅުވާލާއިރު އެންމެ ބޭނުންތެރި ނުވަތަ އެންމެ ގިނައިން ކަނބަލުން ކުރާ ވިޔަފާރިތަކަށް ޚާއްސަ އިސްކަމެއް ދޭނެކަމަށެވެ. އެގޮތުން ފެހުމާއި މާޖެހުމާއި، ގޭތެރޭގައި ކާބޯތަކެތި އުފެއްދުމާއި، އަތްތެރި މަސައްކަތުގެ ދާއިރާ ފަދަ ދާއިރާތައް އޭނާ ފާހަގަކުރެއްވިއެވެ.


ޒާމިރު ވިދާޅުވީ، ލީސިން ފައިނޭންސްގެ އުސޫލުވެސް މިހާރަށްވުރެ ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ވިޔަފާރީގައި މަސައްކަތްކުރާ ކޮންމެ ކަނބަލަކަށްވެސް އެ ބޭފުޅަކު ވިޔަފާރިއަކަށް ބޭނުންވާ އެއްޗެއް ބޭނުންވާ ތަނަކުން ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފަހަގަކުރެއްވިއެވެ.